އިންޑިއާގެ އިރުމަތީ އޮޑީޝާގެ ކަޓަކް ސިޓީގައި ހުންނަ އެސްސީބީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެފައިވާކަމަށް އިންޑިއާގެ ނޫތަކުން ބުނެފި އެވެ.
އޮޑީޝާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޮޑީޝާގެ ކަޓަކް ސިޓީގައި ހުންނަ އެސްސީބީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ކަމަށާއި، އެ ހޮސްޕިޓަލުގެ ޓްރޯމާ ކެއާ ޔުނިޓުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ 10 މީހަކު އެ ހާދިސާގައި ވަނީ މަރުވެފަ ކަމަށެވެ.
ޗީފް މިނިސްޓަރ ވިދާޅުވީ އަލިފާން ރޯވިކަމަށް ބެލެވެނީ ޝޯޓް ސާކިޓެއްގެ ސަބަބުން ކަމަށާއި، އަލިފާން ނިއްވާ އާލާތްތައް ނެތުމާއި ރައްކާތެރިކަމުގެ ގަވާއިދުތަކަށް ބޯނުލަނބާތީ އިމާރާތުގައި ހިފި އަލިފާން ނިއްވުމަށް ހުރަހަކަށްވެ ބޮޑު ހާދިސާއަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލި މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި 11 މުވައްޒަފަކަށް އަނިޔާވެފައިވާކަމަށްވެސް ޗީފް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް ސިފަކުރައްވައި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އަދި ހާލުގައި ޖެހުނު އާއިލާތަކަށް ބަދަލުގެ ގޮތުގައި 2،160 ޑޮލަރު ދޭން ވެސް ބޮޑުވަޒީރު މޯދީ ވަނީ ނިންމައިފަ އެވެ.