ދިވެހިރާއްޖޭގެ އިންފްރާސްޓްރަކްޗާ ބިނާކުރާ ކޮންޓްރެކްޓަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލުން ފަޚުރުވެރިވާ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޕްރޮޖެކްޓް ހިންގާ ކޮންޓްރެކްޓަރުންނަށް ބީއެމްއެލުން ލޯނާއި ފައިނޭންސް ދޫކޮށްގެން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ބީއެމްއެލުން ފައިނޭންސް ކުރާ ކޮންމެ ކޮންޓްރެކްޓަރަކީ ދިވެހިންނަށް ވަޒީފާ ދޭ ބައެއް ކަމަށެވެ. އެ މީހުން ހިންގާ ކޮންމެ މަޝްރޫއަކީ ދިވެހި އިގުތިސާދު ކުރިއަށް ގެންދާ ބާރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޮންޓްރެކްޓަރަކަށް އެހީތެރިވާއިރު، އަޅުގަނޑުމެން ބަލަނީ ކޮންމެހެން ސަރުކާރުގެ ޕްރޮޖެކްޓެއްތޯ އެއް ނޫން. އަޅުގަނޑުމެން އެ އިންވެސްޓް ކުރަނީ މި ގައުމު ބިނާކުރަމުންދާ ކުންފުނިތަކަށް" ކަމަށް ޝަރީފް ވިދާޅުވިއެވެ.




