ތައިލެންޑުގައި ވިސާއާއި ނުލައި ހުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފި

ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި ހުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.

ތައިލެންޑުގައި ބޭރު ގައުމުތަކުގެ މީހުންނަށް ފްރީ ވިސާގައި ހޭދަކުރެވޭ މުއްދަތުތަކަށް އެގައުމުގެ ސަރުކާރުން ބޮޑެތި ބަދަލުތަކެއް މީގެ ކުރިން ވަނީ ގެނެސްފައެވެ. އެ ބަދަލުތައް ގެނާއިރު ރާއްޖެއިން އެގައުމަށް ދަތުރުކުރަ ދިވެހިންނަށް އެގައުމުގައި ފުރީ ވިސާގައި ހޭދަކުރެވޭ މުއްދަތު ވަނީ 15 ދުވަހަށް ހަމަޖައްސާފައެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓްރީން މިއަދު ބުނީ ތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީ އަލުން މުރާޖާކުރިއިރު ރާއްޖެއިން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް 15 ދުވަހުގެ ބަދަލުގައި 30 ދުވަހަށް ވަނީ ހަމަޖައްސަން ނިންމާފައި ކަމަށެވެ.

އައު ވިސާ ޕޮލިސީގައި ވިސާއާ ނުލައި އެގައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށް ހަމަޖައްސައިދިން ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.

މީގެ ކުރިން، 19 މެއި 2026 ގައިތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ އެ ގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ވަނީ ނިންމާފައެވެ. ‎

މިކަމާ ގުޅިގެން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް، ސިހާސަކް ފަންގްކެޓްކޯ އާއިއެކު ކުރެއްވި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލާ ތިބެވޭ މުއްދަތު އިތުރުކޮށްދިނުމަށް ނިންމިއެވެ.

‎ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން އާއްމުކޮށް އިއުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާނުލާ ތައިލެންޑަށް އަދި ދަތުރު ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *