ފައިސާގެ މުއާމަލާތްވެސް ކުރެވޭ ގޮތަށް ކުރިއަށް އޮތް ދޮޅު އަހަރުތެރޭ ސްމާޓް އައިޑީކާޑް ތަޢާރަފްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ޑރ މ،ުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތް ކަމަށްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑް) ގެ ނިޒާމު ޒަމާނީކޮށް، "ސްމާޓް އައިޑީކާޑު"ގެގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިރު އުމުރުން 10 އަހަރުން މަތީގެ 270000 ދިވެހިން ޑިޖިޓަލް އައިޑީ ނިޒާމްގެ ބޭނުންކުރާ ކަމަށާއި އެއީ އެ އާބާދީގެ %80 މީހުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އައިޑީކާޑް ޑިޖިޓަލައިޒް ކޮށް މި ބަދަލު ގެނައުމަށް އަމާޒު ހިފާފައިވާއިރު، ޑިޖިޓަލް އައިޑީ ކާޑު ފައިސާގެ މުޢާމަލާތްތަކަށްވެސް ބޭނުންކުރެވޭނެ ފަދަ ތަފާތު ލުއިފަސޭހަ ނިޒާމަކަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.