ފެނަކަ މުވައްޒަފުންނަށް އުސޫލުން ބޭރުން ވަޒީފާއާއި ޕްރޮމޯޝަން ދިން މައްސަލަތައް ބެލުމަށް އޭސީސީއަށް އަންގަން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) މުވައްޒަފުންނަށް އުސޫލުން ބޭރުން ވަޒީފާއާއި ޕްރޮމޯޝަން ދިން މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 56 މެންބަރުންގެ ތާއިދާއެކު ފާސްކުރީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ފެނަކައިގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ހުށަހެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ގޮތަށް ފާސްކޮށްފައިވަނީ ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ތެރެއިންނެވެ.

ފެނަކަ އަށް މުވައްޒަފުންނެގުމާއި މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާ ގުޅޭގޮތުން އޮޑިޓަރޖެނެރަލް ކުރައްވާފައިވާ ހާއްސަ ތަހުގީގު ރިޕޯޓުގައި 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވެފައިވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުންގެ އަދަދު އިތުރުވަމުން އައިސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް އެކުންފުނީގައި ޖުމްލަ 3,523 މުވައްޒަފުން ތިބިއިރު 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު 7,228 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން، ކުންފުނީގެ ދާއިމީ ވަޒީފާތަކަށް ވައްދާފައިވާ މުވައްޒަފުންގެ އަފދަދަކީ ޖުމުލަ 4,557 މުވައްޒަފުންކަމާއި، ބާކީ 2,671 މުވައްޒަފުން ވައްދާފައިވަނީ ކުންފުނީގެ ވަގުތީ ވަޒީފާތަކަށްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ކުންފުނީގެ ވަޒީފާތަކުގައި 2023 ވަނަ އަހަރުގެ ނިޔަލަށް 5,689 ދާއިމީ މުވައްޒަފުން ތިބިއިރު 2024 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 6,317 އިތުރުވެފައިވކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އުސޫލުން ބޭރުން ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން ފާހަގަކުރެވޭތީ އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އެ މައްސަލަ ތަހުގީގުކުރުމަށްވެސް އޭސީސީއަށާއި ފުލުހުންގެ ހިދުމަތަށާއި އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އަންގަން ވަނީ ފާސްކޮށްފައެވެ.

އަދި އެ މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *