އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ޝުކުރު އަދާކުރައްވައިފި

އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ޝުކުރު އަދާކުރައްވައިފި އެވެ.

އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި، އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވަވައިފަ އެވެ.

އެ 2 ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ ލީޑަރުންނާއި، ސަރުކާރަށާއި، އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އަދި ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ދިމިޤްރާތީ ބަދަހިކަމާއި އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ޞުލްޙަޔާއި، ހަމަޖެހުމާއި، ތަނަވަސްކަން ޤާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރުވެސް، އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.

ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *