ނަފްސާނީ ދުޅަހެޔޮ ކަމުގެ މުހިންމުކަން!

އިންސާނާގެ ޙަޔާތް ބާއްޖަވެރިކަމާއި އުފާވެރިކަމާއެކު ވޭތުކުރުމަށް ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮަމަކީވެސް ނުހަނު މުހިންމު ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ނަފްސާނީ ބައްޔަކުން ސަލާމަތްވެ ހުރުމެއްނޫނެވެ. އެއީ އިންސާނާގެ ވިސްނުމާއި، އިހުސާސްތަކާއި، އަދި ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން ހުރުމެވެ. މިއީ މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމާ ގުޅިފައި އޮންނަ ކަމެކެވެ.

އިސްލާމްދީނުގައި ނަފްސުގެ ޙައްޤުތަކަށާއި ހިތުގެ ހަމަޖެހުމަށް ވަރަށް ބޮޑު އަހައްމިޔަތުކަމެެއް ދީފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގަވަނީ "ހިތްތަކަށް ހަމަޖެހުން ލިބެނީ މާތް ﷲ ހަނދުމަކުރުމުންނެވެ".

އެހެންކަމުން، ދީނީ އަޅުކަންތަކަށް ފަރުވާތެރިވުމާއި، ނަމާދު ޤާއިމުކުރުމާއި، ދުޢާ ކުރުމަކީ އިންސާނާގެ ނަފްސަށް އުފާވެރިކަމާއި ހަމަޖެހުން ގެނަސްދޭ އެންމެ ވަރުގަދަ ވަޞީލަތެވެ. މީގެ އިތުރުން، ދުނިޔޭގެ ހަމަނުޖެހުމާއި ހިތް ނުތަނަވަސްކަމުން ދުރުހެލިވުމަށް މާތް ﷲ ގެ މިންވަރުފުޅަށް އީމާންވުމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމު ތަނބެކެވެ.

ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހެއެވެ. އެގޮތުން، ރަނގަޅު ކާނާ ކެއުމާއި، ހަށިގަނޑަށް އެކަށީގެންވާވަރަށް އަރާމާއި ނިދި ލިބިގަތުމަކީ ސިކުނޑި ތާޒާ ކޮއްދޭ ކަންކަމެވެ. އަދި ކަސްރަތުކުރުމާއި، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަކީ ނަފްސާނީ ވާނުވާތަކުން ސަލާމަތްވާން އެހީތެރިވެދޭނެ ކަންކަމެވެ. ހަމައެހެންމެ، ސޯޝަލް މީޑިއާ ބޭނުންކުރުމުގައި މެދުމިންކަން ޙިޔާރުކުރުމަކީވެސް ނަފްސުގެ ހަމަޖެހުމަށް މުހިންމު ކަމެކެވެ.

މިއަދުގެ މުޖުތަމައިގައި ނަފްސާނީ މައްސަލަތަކާމެދު ދެކޭ ގޮތް ބަދަލުކުރަން ޖެހެއެވެ. ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ނޫނެވެ. އަދި މިއީ އެމީހެއްގެ އީމާންތެރިކަން ބަލިކަށިވާ ކަމެއްވެސް ނޫނެވެ. ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮއްދީ އަޅާލުން ދިނުމަކީ އަހަރެމެން ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ތަފާތު ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ކުދިންނެވެ. މިފަދަ ޙާލަތްތަކުގައި ޕްރޮފެޝަނަލް އެހީތެރިކަން އަވަސް ގޮތަކަށް ލިބުމަކީ މުހިންމު ކަމެކެވެ.

ޙުލާސާކޮށް ދަންނަވާނަމަ، ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނާގެ ޖުމްލަ ޞިއްޙަތުގެ އެންމެ މުހިންމު އެއްބައެވެ. ދީނީ އިމުގެތެރެއިން ކަންކަން ބައްޓަންކޮށް، ހެޔޮ ވިސްނުމާއި ރަނގަޅު އާދަތައް އަށަގެންނެވުމަކީ ނަފްސާނީ ދުޅަހެޔޮކަން ޙާސިލްކުރެވޭނެ މަގެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *