ބ ކިހާދޫ އާއި ހއ މުރައިދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއު ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށް އެމްޓީސީސީ އާއި ހަވާލުކޮސްފައިވާ ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން 240 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 380 މީޓަރުގެ ބޮޑުހިލައިގެ ބްރޭކް ވޯޓަރ ޖެހުމުގެ އިތުރުން 17،300 ސީބީއެމް ވެލިން ބެކްފިލް ކުރުންވެސް ހިމެނޭ ކަމަށެވެ.
އަދި 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށް އެމްޓީސީސީ އާއި މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި 139 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި 56 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެއެވެ.




