މާފުއްޓާއި ށ ފުނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުންފުންޏާ ހަވާލުކުރުމަށް އިންފްރާސްޓްކަޗްރ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މާފުއްޓާއި ށ ފުނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތު އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ ށ. ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރު ޖިއޯ ބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ކ. މާފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 356 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.




