ކ. ގާފަރާއި ގދ. މަޑަވެލީގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތަކުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުންފުންޏާ ހަވާލުކުރުމަށް އިންފްރާސްޓްކަޗްރ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ކ. ގާފަރާއި ގދ. މަޑަވެލީގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު އަދި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުރުމާއި، ބޭރުތޮށީގެ 253 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 367 މީޓަރުގެ ކުރީގެ އެއްގަމުތޮށި މަރާމާތުކޮށް، 383 މީޓަރުގެ އައު އެއްގަމު ތޮއްޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، 420 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 17 މީޓަރު ބޮޑުހިލަ ސަބްމާރޖްޑް ބޭރުތޮށި ޖެހުން އަދި މިހާރުގެ 468 މީޓަރުގެ އެއްގަމުތޮށި މަރާމާތުކުރުމަށް ވަނީ ހަމަޖެހިފައިކަމަށްވެސް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެއެވެ.




