ޑޮލަރު އަގު ބޮޑުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުން ދިވެހި ރުފިޔާގެ އަގު ޑޮލަރު ކުރިމަތީގައި ވައްޓާލީމަކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް ވިދާޅުވީ ޑޮލަރުގެ މައްސަލަ އެހާ ބޮޑުވެގެން ދިޔައީ އެމްޑީޕީގެ ސަބަބުން ކަމަށާއި އެމްޑީޕީ ސަރުކާރުން ދިވެހި ރުފިޔާގެ އަގު ޑޮލަރު ކުރިމަތީގައި ވައްޓާލި ކަމަށެެވެ.
އަދި އިތުރަށް ޝިޔާމް ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ނުދާގޮތަށް މުޅި ނިޒާމް ބަދަލުކުރަންޖެހޭ ކަމަަށާއި، ކޮންމެވެސް ވެރިޔަކު އެކަންކުރައްވަންވެސް ޖެހޭ ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގެންދަވަނީ އެ މައްސަލަ ހައްލުކުރުމުގެ ޒިންމާ ނަންގަވާފައި ކަމަށާއި ރައީސް އެ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުން ރާއްޖެައަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ އެއްކޮސް ހައްލުވެގެންދާނެ ކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ ޑޮލަރުގެ އަގު ބޮޑުނުވާނެ ގޮތަކަށް މުޅި ނިޒާމުގެ ކަންކަން ބަދަލުކުރަންޖެހޭ ކަމަަށާއި، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުގެ ކަޅު ބާޒާރެއް ވަނީ އުފައްދާފައި ކަމަށެވެ.
އަދި އެގޮތަށް އެކަން ވެގެންދިޔައީ އިސްލާހު ކުރަން ޖެހިފައިވާ އުސޫލުތަކެއްގެ ސަބަބުން ކަމަށާއި ގާނޫނުތަކަށް ބަދަލު ގެނެސް އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ރައީސް މިހާރު އެވަނީ ފައްޓަވާފައި ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވި އެވެ.




