ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސް މިހާރު ކުރެވެމުންދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދަޅުވެއްޖެ އެވެ.
ފުލުހުން ވަކި މުވައްސަސާއެއްގެ ގޮތުގައި ހިނގަންފެށިތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ފުލުހުން މިއަދު ހެނދުނު ބޭއްވި ހިނގާލުމަށްފަހު ހޯމް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވީ ފުލުހުންގެ އިދާރާ ބައްޓަންވާން ޖެހޭ ގޮތަށް ކަންކަން ކުރިއަށްދާ ކަމުގެ އިހުސާސު މިހާރު ކުރެވެންފަށައިފި ކަމަށާއި ފުލުހުންނަށް ބޭނުންވާ ދާއިރާތަކުން ޚާއްސަ ތަމްރީނުތައް ވެސް ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށެވެ.
އެގޮތުން ރައީސް ޑރ މުއިއްޒުގެ ވރިކަމުގެ މި ދައުރު ނިމުމުގެ ކުރިން ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްވެ ފުލުސް އޮފީހށް ބޭނުންވާ މީހުންނާއި ތަމްރީނުވެސް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ އިހުސާނު ވިދަޅުވީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޙިދުމަތް ލިބެމުންދިޔައީ އެންމެ 17 ރަށެއްގައި ކަމަށާއި އެކަމުގެ ސަބަބުން އެންމެ އެދެވޭ ގޮތަށް ދިވެހި ރައްޔިތުންނާ ހިސާބަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ.
ނަމަވެސް މި ދައުރު ނިމުމުގެ ކުރިން ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތްތައް ނިމޭނެ ކަމަށާއި އަދި ކުރިއަށް އޮތް އަހަރަކީ ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ އަހަރެއް ކަމަށްވެސް މިނިސްޓަރ އަލީ އިހުސާނު ވިދާޅުވި އެވެ.




