ރައްޔިތުންގެ މަޖިލިސް މެންބަރުން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ގެ ފަހަތްޕުޅުގައި ގަދަކޮށް ކަމަށް ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ފަލާހު ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި މިއަދާހަމައަށް އައިއިރު 20 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ލަޝްކަރު ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
ނަމަވެސް އެެކަން ނާކާމިޔާބުވަނީ ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ރައީސް ޑރ މުއިއްޒު އށް ކުރައްވާ ފުރިހަމަ އިތުބާރުގެ ސަބަބުންކަމަށާއި، 20 ވަނަ މަޖިލިސް ތަމްސީލުކުރައްވާ ޕީއެންސީގެ ހުރިހާ މެމްބަރުންވެސް ތިއްބެވީ ރައީސް ޑރ މުއިއްޒާއެކު ގަދަކޮށްކަމަށެވެ.
އަދި ބޭރުފައިސާގެ ގާނުނާއެކު ޑޮލަރުގެ އަގު 23 އިން 19.80 ރުފިޔާއަށް މިހާރު ވެއްޓިފައިވާ ކަމަށާއި ދުވަސްކޮޅެއް ފަހުން ޑޮލަރުގެ އަގު ރައީސް ޑރ މުއިއްޒު ވެރިކަމާ ހަވާލުވެލެއްވި އިރު ހުރި ހިސާބަށް ތިރިވާނެ ކަމަށްވެސް މެންބަރު ފަލާހު ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ޑރ މުއިއްޒު އަޅުއްވަމުންގެންދަވާ އެފަދަ ސިޔާސަތު ތަކުގެ ސަބަބުން ޕީއެންސީގެ މުޅި ލީޑަޝިޕު އޮންނާނީ ސާބިތުކަމާއެކު ރައީސް ޑރ މުއިއްޒު އާއިއެކު ކަމަށާއި، ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ހިތްވަރު ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޑރ މުއިއްޒު ކަމަށްވެސް މެންބަރު ފަލާހު ރޭގެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.




