އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ދިވެހި ރާއްޖެ އިން 1.5 ބިލިއަން ޑޮލަރުގެ ވިޔާފާރިގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރ ހަސަން ޒަރީރު އެވެ. އައިޓީއެފްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެތަނުގެ ސީއީއޯ އަދީބު ޔޫސުފް އަލް-އާމާ އެވެ.
2026 އިން 2031 އަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނުގެ އިތުރުން ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، މަސްވެރިކަމާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރު ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޓްރޭޑް ފައިނޭންސިންގ ފެސިލިޓީތައް ލިބޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް ފައިނޭންސް މިނިސްޓަރ ވިދޅުވި އެވެ.
އަދި ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ ބާޒާރުތަކަށް ނެރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމުގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ އައިޓީއެފްސީގެ އެހީތެރިކަން ކުރިން ހަމަޖެހިފައިވަނީ ހަކަތައިގެ ދާއިރާއަށް އެކަނި ކަމަށާއި، ނަމަވެސް އައު އެއްބަސްވުމުގެ ދަށުން މިހާރު ވަނީ އިގްތިސާދީ އަދި އިޖުތިމާއީ ގިނަ ދާއިރާތަކަކަށް އެ އެހީތެރިކަން ފުޅާވެފައި ކަމަށެވެ.




