ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ޓެކްސީ ޑްރައިވަރސް” ޕްރޮގްރާމް ހއ. ދިއްދޫ ޓެކްސީ ޑްރައިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުގެ ގާނޫނުން ޓެކްސީ ޑްރައިވަރުންގެ މައްޗަށް ލާޒިމުކޮށްފައިވާ، ޓެކްސީކުރުމަށް ނަގަންޖެހޭ ހުއްދައަކީ މި ޕްރޮގްރާމު ފުރިހަމަކޮށްފައިވާ ޑްރައިވަރުންނަށް ދޫކުރާ ހުއްދައަކަށްވާތީ ހއ. ދިއްދޫ ޕޮލިހާއި، ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން ގުޅިގެން ހިންގި ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކާއި ގާނޫނަށް ޑްރައިވަރުން އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ޑްރައިވަރުން އުޅަނދު ދުއްވާއިރުއާއި ދަތުރަށް ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމުގެ އިތުރުން މަގު ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ އިތުރުން، ސަލާމަތީ އަދި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މަހު 9 ވަނަ ދުވަހު އޮންލައިންކޮށް ކުރިއަށްގެންދިޔަ މިޕްރޮގްރާމު ފުރިހަމަކޮށް ޓެސްޓުން ފާސްވި ފަރާތްތަކަށް، ޓެކްސީ ޑްރައިވަރސް ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވެއެވެ.




