އިމާމުންނަށް ހާއްސަ ޑްރެސްކޯޑެއް ތައާރަފް ކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދުގެ އިތުރުން އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ކުރާ ގަޑީގައި ތުރުކުރައްވާ ޑްރެސްކޯޑެއް، ތާކިހާކޮޅު ހިމެނޭހެން ފަރުމާ ކުރަން ހުޅުވާލަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އަދި އެކްސްގައި ކުރެއްވި ޕޯސްޓްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ރާއްޖޭގެ އިމާމުންނާއި އިލްމުވެރިން ޢާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅު ކަމަށާއި، ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް ވާނެ ކަމަށެވެ.
"މިހެން ކަމުން އަޅުގަނޑު އެދެނީ މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުން. މިގޮތައް ފަރުމާކުރެވޭ ފޭރާންކޮޅަކަށް މިނިސްޓްރީއިން ތާއިދުކުރާނަން. މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވެސް ވިސްނަން." މިނިސްޓަރ ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އިމާމުން އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅުވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅުކަމެއް ކަމަށެވެ.




