ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" އެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭ ކަމަށެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެކެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށެވެ.
މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ. މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނެއެވެ.
"ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެކެވެ. މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްޤުތަކާ މެދު ޢާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވާންވާނެއެވެ. މާލީގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި، ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވާނެއެވެ.




