Advertisement
BML Home 2nd Ad

މިއަދަކީ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ޑޭ!

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 17 ވަނަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ 2021 އޮކްޓޫބަރު 3 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ. މި ދުވަހަކީ ފުލުހުންގެ ހިދުމަތުގައި އަންހެނުން ކޮށްދީފައިވާ އަދި ކުރަމުންދާ ހިދުމަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމާއި، މުއައްސަސާގެ އެތެރޭގައި އަންހެނުންނަށް ހުރި ކުރިއެރުމުގެ ފުރުސަތުތައް އިތުރަށް ފަހިކުރުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ.

Advertisement
Etukuri Inside ad 300x300 Desktop

މިއަހަރުގެ ވިމަން އިން ޕޮލިސިންގ ޑޭގެ މުނާސަބަތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވި ހާއްސަ މެސެޖުގައި ވިދާޅުވީ، ކެރުމާއި، ޕްރޮފެޝަނަލްކަމާއި، އޯގާތެރިކަމާއެކު ހިދުމަތްކުރައްވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި އަންހެން މުވައްޒަފުންގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

"މުޖުތަމައުގެ ރައްކާތެރިކަން ދެމެހެއްޓުމާއި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުން ފެށިގެން، ތަހުގީގުތައް ލީޑުކުރުމާއި ފްރަންޓްލައިންގެ މަސައްކަތްތަކާ ހަމައަށް، ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް. ތިޔަބޭފުޅުން މުޖުތަމައަށް ކޮށްދެއްވާ އިހުލާސްތެރި ހިދުމަތަށާއި، ދައްކަވާ ހިތްވަރާއި ސާބިތުކަމަށްޓަކައި ޝުކުރު ދަންނަވަން." ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ.

މި އަހަރުގެ ޝިއާރު ބިނާވެފައިވަނީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާއި، ހިދުމަތާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމާއެކު، ލީޑަރޝިޕާއި ފަންނީގޮތުން ކުރިއަރައި ދިއުމަށާއި ޕޮލިސިންގގެ ހުރިހާ ދާއިރާއެއްގައިވެސް ހިދުމަތް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށެވެ. މިއަދު ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އަންހެން އޮފިސަރުންނަކީ ހަމައެކަނި ވަކި ދާއިރާތަކެއްގެ މަސައްކަތަށް އަހުލުވެރި ވެފައިވާ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، ފްރަންޓްލައިން ޕޮލިސިންގ، ހާއްސަ ތަހުގީގުތައް، ކޮމިއުނިޓީ ޕޮލިސިންގ، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން، އިންޓެލިޖެންސް، ފޮރެންސިކް އަދި ޓެކްނިކަލް މަސައްކަތްތަކުގެ އިތުރުން، ތަމްރީނާއި، އިދާރީ ހިންގުމާއި، ކޮމާންޑު އަދި ލީޑަރޝިޕްގެ މަގާމުތަކުގައި އަންހެން މުވައްޒަފުން ދަނީ މުހިންމު ޒިންމާތަކެއް އަދާކުރައްވަމުންނެވެ.

2004 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރެވުނުއިރު ހިދުމަތުގައި ތިބީ އެންމެ 64 އަންހެން އޮފިސަރުންނެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ތަމްރީނުތަކުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ހަރުދަނާކުރުމާއި، އެކަށީގެންވާ ހާލަތްތަކުގައި އަމިއްލަ ރަށުގައި މަސައްކަތްކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ފަދަ ސިޔާސަތުތަކުގެ ތެރެއިން އަންހެނުންގެ ހިއްސާ ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ. ހާއްސަކޮށް، ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިންވަނަ ދައުރު (2026–2028) އިފްތިތާހުކުރުމަށް 2026 އޭޕްރީލް 27 ގައި އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ޕޮލިސިންގގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ހަމަހަމަކަމަށްވުރެ ބޮޑަށް ގައުމީ ސުލްހައާއި އަމަންއަމާންކަން ގާއިމުކުރުމަށް ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

ވިމަން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން ފުލުހުންވެސް ޝާމިލުވާ ގޮތަށް މުޖުތަމައަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތް ހިންގުމާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވިމެން އިން ޕޮލިސް ފޯރަމް" ބޭއްވުމުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެކުވެރިކަން ބަދަހިކުރުމުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މުނާސަބަތާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް އޮންނާނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add