އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށްވާ "އެފްބީއައި ނޭޝަނަލް އެކެޑަމީ" ގެ 299 ވަނަ ސެޝަން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ފުރިހަމަކޮށްފިއެވެ.
އެމެރިކާގެ ވާޖީނިއާގެ ކުއަންޓިކޯގައި ހުންނަ އެފްބީއައި ޓްރެއިނިންގ އެކެޑަމީގައި 10 ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ސެޕްޓެމްބަރު 17 ގައެވެ.
މި ސެޝަންގައި އެމެރިކާގެ 44 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ އިތުރުން، ދުނިޔޭގެ 28 ގައުމަކުން 29 އޮފިސަރުންނާއި، އަސްކަރިއްޔާގެ ފަސް އިދާރާއަކާއި ފެޑެރަލް ސިވިލިއަން ހަތަރު އިދާރާއެއް ހިމެނޭހެން ޖުމްލަ 265 ގާނޫނު ތަންފީޒުކުރާ އޮފިސަރުން ދަސްވެނިވިއެވެ.
މި ރަސްމިއްޔާތުގައި އެފްބީއައިގެ ޑިރެކްޓަރ ކަޝްޔަޕް ޕީ. ޕަޓޭލް ވާހަކަފުޅު ދެއްކެވިއިރު، ދަސްވެނިވި އޮފިސަރުންގެ ފަރާތުން ކްލާސް ސްޕޯކްސްޕަރސަންގެ ގޮތުގައި ވާހަކަދެއްކެވީ ވޮޝިންގޓަން ޑީސީގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުގެ ޑާނެލް ރޮބިންސަންއެވެ.
1935 ވަނަ އަހަރު ގާއިމުކުރެވުނު އެފްބީއައި ނޭޝަނަލް އެކެޑަމީއަކީ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ފަންނީ މަތީ ތައުލީމާއި ތަމްރީނު ދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު އެކެޑަމީއެކެވެ.
މި ސެޝަނާއެކު މިހާތަނަށް އެ އެކެޑަމީން 57,461 އޮފިސަރުން ދަސްވެނިވެފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވާ އޮފިސަރުންނަކީ ގާނޫނު ތަންފީޒުކުރުމުގެ ހިދުމަތުގައި އެވްރެޖްކޮށް 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ، އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.
އެފްބީއައިގެ ހާއްސަ އިންސްޓްރަކްޓަރުންނާއި ސްޕެޝަލް އޭޖެންޓުން ތަމްރީނު ދެއްވި މި ކޯހުގެ މުގައްރަރު ބިނާވެފައިވަނީ އެޑްވާންސްޑް ކޮމިއުނިކޭޝަންއާއި، ލީޑަރޝިޕް، ފިޓްނަސް ޓްރޭނިންގ، ގާނޫނު، ބިހޭވިއަރަލް ސައިންސް އަދި ފޮރެންސިކް ސައިންސްގެ މައްޗަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 1972 ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޔުނިވަރސިޓީ އޮފް ވާޖީނިއާއިން އެކްރެޑިޓްކޮށްފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް އެކަޑަމިކް ކްރެޑިޓް ލިބިގެންދެއެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު މި ތަމްރީނު ފުރިހަމަކުރެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީޑަރޝިޕް ހުނަރުތަކާއި، ޕްރޮފެޝަނަލް ޕޮލިސިންގ މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މުއައްސަސާގެ އެތެރޭގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެކެވެ.




