Advertisement
BML Home 2nd Ad

ޒަލްޒަލާ ސޫރަތުގެ ތަފްސީރު 6

ޤިޔާމަތްދުވަހުގައި ތިލަފަތުގައި ކިރޭހުށީ ޢަމަލުކުރާ މީހާކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ މި ޙަދީޘެވެ.
كَانَ عبدالله بن مسعود رضي الله عنه يَجْتَنِي سِوَاكًا مِنَ الأَرَاكِ وَكَانَ دَقِيقَ السَّاقَيْنِ فَجَعَلَتِ الرِّيحُ تَكْفَؤُهُ فَضَحِكَ الْقَوْمُ مِنْهُ فَقَالَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ : ( مِمَّ تَضْحَكُونَ ) قَالُوا: يَا نَبِيَّ اللَّهِ مِنْ دِقَّةِ سَاقَيْهِ فَقَالَ : ( وَالَّذِي نَفْسِي بِيَدِهِ لَهُمَا أَثْقَلُ فِي الْمِيزَانِ مِنْ أُحُدٍ ) حسن إسناده الألباني في شرح الطحاوية برقم 571 ص 418 .
މާނައީ: “ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރާކު ގަހަކުން ސިވާކު ދަނޑިކޮޅެއް ނައްޓަވާލައްވަން އުޅުއްވަނިކޮށް އެކަލޭގެފާނުގެ ކަށިމަތި ވައިގެ ސަބަބުން ކަޝްފުވިއެވެ. އެކަލޭގެފާނަކީ ކަށިމަތި ހިމަ ބޭކަލެކެވެ. އެކަލޭގެފާނުގެ ކަށިމަތި ފެނުމާއެކު އެކަށިމަތީގެ ހިމަކަމުން މީސްތަކުން ހޭންފަށައިފިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވައިފިއެވެ. “ތިޔަބައިމީހުން ތިޔަ ހެނީ ކީއްވެ ހެއްޔެވެ؟” ދެން އެބައިމީހުން ބުނެފިއެވެ. “ﷲ ގެ ރަސޫލާއެވެ. އެކަލޭގެފާނުގެ ކަށިމަތީގެ ހިމަކަމުންނެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެފަރާތެއްގެ އަތްޕުޅުގައި ތިމަންގެ ފުރާނަފުޅުވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުންވެސް އެދެކަށިމަތިފުޅު އުޙުދުފަރުބަދައަށް ވުރެ ތިލަފަތުގައި ބަރުވެގެންވެއެވެ.” މި ޙަދީޘުން ދަލާލަތުކޮށްދޭ ގޮތުގައި ތިލަފަތުގައި ކިރޭނީ ޢަމަލުކުރާ މީހާއެވެ.
ބަޔާންވެދިޔަ ޤައުލުތަކުގެ ތެރެއިން އަހުރެން އިޚްތިޔާރުކުރާ ޤައުލަކީ ތިލަފަތުގައި ކިރޭނީ ޢަމަލުކަމެވެ. އަދި ބައެއް މީހުންގެ ޢަމަލުތަކުގެ ފަތް އަދި ބައެއް މީހުން ވެސް ތިލަފަތުގައި ކިރޭނެއެވެ.
މި ޤައުލަށް ބަލާއިރު، އެބަހީ ތިލަފަތުގައި ކިރޭނީ ޢަމަލުކުރާ މީހާ ކަމުގައި ބުނާނަމަ، އެކަން ބިނާވެފައިވަނީ ދުނިޔެމަތީގައި މީހުންގެ ހަށިގަނޑު ހުންނަ މިނުގެ މައްޗަށޭ މީހަކު ބުނެފާނެއެވެ. އެގޮތުން ހަށިގަނޑުގެ ގޮތުން ބަރު ބޮޑޫމީހާ ތިލަފަތުގައި ބަރުވާނޭ ނޫންހެއްޔެވެ. މީގެ ޖަވާބަކީ ނޫނެކެވެ. މިކަން ބިނާވެފައިވަނީ ދުނިޔެމަތީގައި އޭނާގެ ހަށިގަނޑުގެ ބަރުދަނަކަށް ނޫނެވެ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވެއެވެ. «إِنَّهُ لَيَأْتِيْ الرَّجُلُ الْعَظِيْمُ السَّمِيْنُ يَوْمَ الْقِيَامَةِ لَا يَزِنُ عِنْدَ اللهِ جَنَاحَ بَعُوْضَةٍ»، وَقَالَ: اِقْرَؤُا {فَلَا نُقِيْمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا}. [الكهف: 105].
“ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި، ތިލަފަތުގައި މަދިރިއެއްގެ ފިޔައިގެ ބަރުދަންވެސް ނުހުންނަ ބޮޑެތި ފަލަ މީހުންވެސް އަންނާނެއެވެ.” އަދި ޙަދީޘްކުރެއްވިއެވެ. މި އާޔަތް ކިޔަވާށެވެ. {فَلَا نُقِيْمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا}. [الكهف: 105]. މާނައީ: “އަދި އެބައިމީހުންނަށް ޤިޔާމަތްދުވަހުގައި އެއްވެސް ބަރުދަނެއް ނުލިބޭ ހުއްޓެވެ.”
ޢަބްދުﷲ ބިން މަސްޢޫދާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ޙަދީޘްކުރެއްވީ އެކަލޭގެފާނުގެ ދެކަށިމަތިފުޅު ޤިޔާމަތްދުވަހު މީޒާނުގައި އުޙުދުފަރުބަދައަށް ވުރެ ބަރުވާނޭ ކަމުގައެވެ. މީހާގެ ޖިސްމުގެ ބަރުދަން އެދުވަހުގައި ބިނާވާހުށީ އެމީހާގެ ހެޔޮޢަމަލުތަކުގެ މައްޗަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْراً يَرَهُ * وَمَن يَعْـمَلْ مِثْقَالَ ذَرَّةٍ شَرّاً يَرَهُ}. ފަހެ، ކުޑަ ހިންޏެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ކުޑަ ހިންޏެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
މި ސޫރަތުގައި ވަނީ ދުނިޔޭގެ ބިންގަނޑުގެ ހެލިގަތުމާމެދު ސަމާލުކުރުވުމާއި ބިރުގެންނެވުމެވެ. އަދި ހެޔޮ ޢަމަލު ކުރުމަށް މިސޫރަތުގައި ބާރުއަޅުއްވާފައިވެއެވެ. އަދި ހެޔޮ ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ﷲ ގެ ޙަޟްރަރުގައި ގެއްލެނިވެގެންދާނޭ އެއްޗެއް ނޫނެވެ. ކުޑަ ކުޑަ ރަތް ހިންޏެއްގެ މިންވަރު ކަމުގައިވިޔަސް މެއެވެ. އެއަށް ވުރެ ކުޑަ ޢަމަލެއް ކަމުގައި ވިޔަސް ޤިޔާމަތްދުވަހުގެ އޭނާ އެ ޢަމަލެއް ދެކޭނެއެވެ.
نسأل الله تعالى أن يختم لنا بالخير والسعادة والصلاح والفلاح، وأن يجعلنا ممن يحشرون إلى الرحمن وفداً إنه على كل شيء قدير.

Advertisement
Etukuri Inside ad 300x300 Desktop

މިހާ ހިސާބުން ޒަލްޒަލާ ސޫރަތުގެ ތަފްސީރު ނިމުނީއެވެ.

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add