ދިވެހި ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރަމުން އެމްޓީސީސީން ބުނީ، ކަލްޗަރަލް ސެންޓަރުގެ ރެސްޓޯރެންޓް އިމާރާތުގެ ޓައި ބީމް އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މައި އިމާރާތުގެ ކޮލަމް އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމި، މިހާރުވެސް އެ މަސައްކަތް ސައިޓުގައި ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.58 މިލިއަން އެމެރިކާ ޑޮލަރު (24.4 މިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ދިވެހިންގެ ފަންނުވެރި ސަގާފީ މަސައްކަތްތައް ކަމަށްވާ ލިޔެލާޖެހުމާއި، ކާޕެންޓްރީ އަދި ވިޔުމުގެ މަސައްކަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށާއި، އެ މަސައްކަތްތައް ޒުވާނުންނަށް ދަސްކޮށްދިނުމަށްޓަކައި ޤާއިމުކުރެވޭ ޤައުމީ ފެންވަރުގެ މުހިންމު މަރުކަޒެކެވެ.
މި މަޝްރޫޢަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، ތުޅާދޫގެ މަސައްކަތްތެރިންނާއި ފަންނުވެރިންނަށް 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް އެ ފަރާތްތަކުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓްކޮށް ވިއްކުމުގެ ފަހި ފުރުޞަތުތަކެއް ހުޅވިގެންދާނެއެވެ.




