ނ މަގޫދޫ ސުކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ސައިބަރ އެވެއާނެސް ސެޝަނެއް ފުލުހުން ހިންގައިފި އެވެ.
ފުލުހުން ބުނީ ނ މަގޫދޫ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިން ކުށްމަދު އަމާން މާހައުލަކަށް އަހުލުވެރިކުރުވައި ފަރުދީ ޒިންމާ އަދާކުރުވުމަށް ބާރުއެޅުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ސުކޫލުގެ ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މަގޫދޫ ޕޮލިހާއި ސުކޫލު ގުޅިގެން އެ ސުކޫލުގައި އިއްޔެ ކުރިއަށްގެންދިޔަ ސެޝަނުގެ މައިގަނޑު މަގުސަދަކީ އިންޓަނެޓާއި ޑިޖިޓަލް ވަސީލަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދިނުން ކަމަަށާއި، އެ ސެޝަންގައި، ދަރިން މޯބައިލް ފޯނާއި އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާއި، ކުދިން ކުރާ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގެ މުހިންމުކަމަށް އަލިއަޅުވައި މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ހެޔޮގޮތުގައި އިންޓަނެޓް ބޭނުންކުރުމާއި، ދަރިން މޯބައިލް ފޯނާއި އިންޓަނެޓް ބޭނުންކުރާއިރު، މޮނީޓަރކުރަމުން ދިއުމާއި، ޕޭރެންޓަލް ލޮކްކޮށްގެން ބެލެހެއްޓުމުގެ އިތުރުން ސައިބަރ ބުލީންގ އިން ރައްކާތެރިވެގެން ތިބުމަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ފުރައްސާރަތައް ހުއްޓުވުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ދަރީންގެ އަހުލާގު ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.




