އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް އޮފް މިޝަން މިސް ކްރިސްޓިން ޕާރކޯއާ, ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.
ފުލުހުން ބުނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އޮތް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ، މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކާއި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އަދި މީހުން ޓްރެފިކްކުރުމުގެ މައްސަލަތަކުގެ ތަހުގީގު މިހާރަށްވުރެ ހަރުދަނާކުރުމަށާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތައް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާ ކަމަށް ފުލުހުން ބުނެއެވެ.




