އިންފްރާސްޓްރަކްޗަރ އަދި އިގްތިސާދީ މަޝްރޫއުތަކަށް ބިންހިއްކުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކުންފުނީގެ 2 ވަނަ ޑްރެޖަރު ގެނައުމުގެ ތައްޔާރީތައް ވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕޮޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގާ އެއް ކުންފުންޏަކީ އެމްޓީސީސީކަމަށް ވާތީ އެ ކުންފުނީގެ ގާބިލުކަން އިތުރުކުރަންޖެހޭކަމަށެވެ.
އެއްކަމަކަށް އެމްޓީސީސީއަށް ބޭނުންވޭ ބޭރު ފައިސާ ލިބޭނެ ގޮތްތައް، ޑޮލަރު ލިބޭނެ ގޮތްތައް. އެކަމަށްވެސް ވަރަށް ގިނަ ކަންކަން ގާތްގަނޑަކަށް ހުރީ ނިމިފައި. މާލަސްތަކެއްނުވެ އެމްޓީސީސީން އެމީހުންގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައާއި، އެމީހުން ބޭނުންވާ މެޓީރިއަލްތައް ގެނައުމުގައި ކުރިއަށް އޮތްތާ ފެންނާނެ އެ މަޝްރޫއުތައް ހިނގައިގަންނަ ތަން،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެމްޓީސީސީއަކީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏެއް ކަމަށް ވާތީ އެ ކުންފުނީގެ ބިން ހިއްކުމުގެ ގާބިލުކަން އިތުރުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި އެ ކުންފުންޏަށް ޖައްރާފާއެއް ނުވަތަ ޑްރެޖަރެއް ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.
މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފާގެ ތިން ގުނަ ބޮޑު ޖައްރާފާއެއް މިހާރު އިރާދަކުރެއްވިއްޔާ އެވަނީ ސެކިއާ ކުރެވިފައި، އުންމީދުކުރަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ގެނެވޭނެ ކަމުގައި. ގެނެވުނީމާ އެމްޓީސީސީއާ ހަވާލުވެފައި ހުރި މިހާރު ނުފެށި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ޖައްރާފާއަކީ މިހާރު އެ ކުންފުނީގައި ބޭނުންކުރާ މަހާޖައްރާފާއަށްވުރެ ތިން ގުނަ ބޮޑު ހޮޕަރ ޑްރެޖާއެކެވެ. މިއީ މުޅިން އައު ޑްރެޖާއެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އުންމީދަކީ ސަރުކާރުގެ ބިލުތަކުން ލިބޭ އާމްދަނީގެ އިތުރަށް އަމިއްލަ ވިޔަފާރިތަކުގެ މަސައްކަތްތައްވެސް ނަގައިގެން އިތުރު އާމްދަނީ ހޯދޭ މިންވަރަށް އެމްޓީސީސީގެ ގާބިލުކަން އިތުރުކުރުމެވެ.




