މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ސައިޓްތައް ބަރާބަރަށް މޮނީޓަރކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު އާލިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަޙްމަދު އާލިމް ވިދާޅުވީ، މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަދި ފެންވަރު ރަނގަޅުކޮށް ނިންމުމަށްޓަކައި ސައިޓްތައް ވަރަށް ގާތުން ބަލައި، މޮނީޓަރކުރުމަކީ ކުންފުނިން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.
އާލިމް ފާހަގަކުރެއްވި ގޮތުގައި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ރާއްޖެއިން ބޭރުން އެތެރެކުރަންޖެހޭ މެޓީރިއަލްސް ހޯދުމުގައި ބައެއް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ދުރާލާ ކަންކަން ޕްލޭންކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން އެމްޓީސީސީން މިހާރު މަސައްކަތް ކުރަމުންދަނީ ދުރާލާ ރޭވުންތައް ރާވައިގެން، ތަކެތި ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމްޓީސީސީން އަތޮޅުތެރޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތަފްޞީލު ހިއްސާކުރައްވަމުން އާލިމް ވިދާޅުވީ، ބަނދަރު ހެދުމާއި ބިން ހިއްކުމުގެ އިތުރުން އިޖުތިމާޢީ ގިނަ އުމްރާނީ މަސައްކަތްތަކެއްވެސް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެންމެ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މިސްކިތްތަކާއި، ސްކޫލް ޢިމާރާތްތަކުގެ އިތުރުން ޞިއްޙީ މަރުކަޒުތައް އެޅުމުގެ ގިނަ މަޝްރޫޢުތަކެއްވެސް އެމްޓީސީސީގެ ބެލުމުގެ ދަށުން އަތޮޅުތެރޭގައި މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާލިމް އިތުރަށް ވިދާޅުވީ، ރައްޔިތުންނާ ގުޅިފައިވާ މިފަދަ އަސާސީ ޚިދުމަތްތަކުގެ މަޝްރޫޢުތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ވީހާވެސް ހަލުވި މިނެއްގައި އަދި އެންމެ ފުރިހަމަ ފެންވަރުގައި ނިންމައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ މައިގަނޑު އަމާޒު ކަމަށެވެ.




