ތާވަލާ އެއްގޮތަށް އެންމެ އަވަހަށް މަސައްކަތް ނިމޭނީ ފ.މަގޫދޫ އެއަރޕޯޓުކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢުދީ ވިދާޅުވީ މިހާރު ކުރިއަށްދާ އެއަރޕޯޓުތަކުގެ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ނިމޭނެ އެއަރޕޯޓުތަކުގެ ތެރޭގައި ފ. މަގޫދޫ އެއަރޕޯޓު ހިމެނޭކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަކުނޫދޫ އެއަރޕޯޓުގެ މަސައްކަތް އަދި ފެށުނީކަމަށާއި އަލިފުށީ އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރަން ޖެހޭކަމަށް ސައުދީ ވިދާޅުވިއެވެ. އަލިފުށީ ރަންވޭ ބޮޑުކުރަން ބިން ހިއްކަން ޖެހޭކަމަށާއި އެތަނަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އައު ޑްރެޖަރާއެކު ފެށޭނެކަމަށް ވިދާޅުވިއެވެ.
"ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް އަންނަނީކުރަމުން. އަދި ގުރައިދޫ އެއަރޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއިވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއަރޕޯޓުގެ މަސައްކަތް" ސައުދީ ވިދާޅުވިއެވެ.
އެއަރޕޯޓަށް ބޭނުންވާ ބޮޑު ބައެއްވަނީ ހިއްކާ ނިމިފައެވެ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމްޓީސީސީން ހިއްކައެވެ. މިމަޝްރޫޢުގެ ދަށުން މަގޫދޫގައި ތަރައްޤީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ. މަގޫދޫ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.




