އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އެއްގަމު އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.
ފުލުހުން ބުނީ މި މީހާ އަކީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، މިގޮތަށް ހާޒިރުކުރެވުނު ފުރަތަމަ މީހާ ކަމަށެވެ.
އަދި އޭނާގެ ރެކޯޑުތަކުގެ ތެރޭގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސްޓަންޓް ޖައްސަމުން ދުއްވުމާއި، ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނޭ ކަމަށާއި، މީގެ އިތުރުން، އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.




