ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ޕްރޮޕްޓީތައް އިސްރާއީލް ރައްޔިތުންނާއި އިސްރާއީލާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭ ގޮތް ހަދާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ އަބްޑުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ލިންކްޑްއިން ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ޕްރޮޕަޓީއެއް، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.
އިތުރު ތަފްސީލުގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ ދިވެހިރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، އެގޮތުން ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ޕްރޮޕަޓީއެއް، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.
އަދި އެގޮތަށް ފުށިދިއްގަރުން ބިން އެއްކޮށް މިލްކުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށާއި، ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކަނޑައެޅޭ އުސޫލުތަކުގެ ދަށުން ހުއްދަދެވޭ ފަރާތްތަކަށް އެކަނި ކަމަށެވެ.
އެގޮތުން ފުށިދިއްގަރުން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސާދާރުންނާއި، ޕްރޮޕްޓީ ގަންނަން ފައިނޭންސްކުރާ ފަރާތްތަކުގެ އިތުރުން ސޭލްސް އޭޖެންޓުންގެ ގޮތުގައިވެސް އިސްރާއީލާ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނޫކް ކަން ކަށަވަރުކުރުމަށްޓަކައި އެ މީހުންގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމުގެ މައުލޫމާތު ފުރިހަމައަށް ހާމަކުރުން ލާޒިމުވާނެ ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވެފައި ވެއެވެ.
އަދި އޮޅުވާލައިގެން ޕްރޮޕަޓީއެއް ގަނެފިކަން އިނގޭ ހިސާބުން އެ ޕޮްރޮޕަޓީއެއް ދައުލަތަށް ނެގުމުގެ އިތުރުން އެ މީހަކު ދައްކާފައިވާ ފައިސާ ވެސް ދައުލަތަށް ނެގޭނެ ހަރުދަނާ ގާނޫނީ އެކުލަވައިލައްވާނެ ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދޅުވެފައި ވެއެވެ.
މީގެ އިތުރުން ވަކި ގައުމަކަށް ނިސްބަތްވާ ފަރާތްތަކަށް ނުވަތަ ވަކިވަކި ފަރުދުންނަށް ޕްރޮޕަޓީ ވިއްކޭނެ އަދަދު ކޮންޓްރޯލްކުރުމާއި، އެ މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގައި ވެސް ދިވެހި ރައްޔިތުންނަށް ހާއްސަ އިސްކަމެއް ދީގެން، ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރ މުއްތަލިބް ވިދާޅުވެފައި ވެއެވެ.




