ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ރަސްމާލެ މައްސަލަ ބަލައިނުގަންނަން ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
ޔުނައިޓެޑް އެރަބް އެމިރެޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް އަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކަމެއްކަމަށް ބުނެ އެ ކަން ހުއްޓުވައިދިނުމަށް އެދި ގާނޫނީ ވަކީލް އަލީ ހުސައިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލި ސަބަބެއްކަމަށް އެ ކޯޓުގެ ރަޖިސްޓްރާ ބުނެފައިވަނީ އެ މި މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭ ޒާތުގެ މައްސަލައަކަށް ނުވާތީ ކަމަށެވެ.
މީގެ އިތުރުން ރަޖިސްޓްރާގެ އެ ނިންމެވުމާ މެދު މައްސަލަ ހުށަހެޅި ފަތާތުން ހިތްހަމަނުޖެހޭ ނަމަ 14 ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށް ވެސް އެ ނިންމުމުގައި ރަޖިސްޓްރާ ބުނެފައި ވެއެވެ.
ގާނޫނީ ވަކީލް އަލީ ހުސައިން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ރަސްމާލޭގެ ބިމުން 500 ހެކްޓަރު، 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ޚިލާފަށް އެކްއިޒިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް ކަމަށާއި، އަދި އެ ބިމުގެ މިލްކުވެރިކަމުގެ މަސްލަހަތު އެ ކުންފުންޏަށް ލިބޭ ގޮތަށް ކަމަށެވެ.
މީގެ އިތުރުން އެ ބިމުގައި ތަރައްގީކުރާ ތަންތަން 3 ވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ފުރިހަމަ އިޚުތިޔާރުވެސް އެ ބިން ލިބޭ ފަރާތަށް ދީފައިވާކަމަށާއި، އެހެންކަމުން އެކަމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށްވާތީ، ގާނޫނުއަސާސީގެ 250 ވަނަ މާއްދާ އާއި 251 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު އެއްބަސްވުމެއް ކަމަށްވާތީ، އެއީ ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އީގަލް ހިލްސްއާ އެކު ސަރުކާރުން ސޮއިކުރީ މިދިޔަ މަހުގެ 21 ގަ އެވެ.




