ނ. ލަންދޫ ސުކޫލު ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތުކުރުމުގެ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މަހު 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަނަކީ ލަންދޫ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށާއި، މި ސެޝަންގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިއެއްގެ ދައުރަކީ ކޮބައިކަމާއި، ދަރިންނާ މުއާމަލާތްކުރުމުގެ ރަނގަޅު ގޮތްތަކާއި، ހަރުދަނާގޮތެއްގައި އެ ކުދިން އަދަބުވެރިކުރުވުމާއި، ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ދިނުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމުގެ މައްޗަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ދަރިންގެ ބަހާއި އަމަލަކީ ބެލެނިވެރިޔާގެ ފަރާތުން ދަސްކުރާ ކަމަކަށް ވުމާއެކު އެ ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެ ކުދިންގެ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އަޑުއެހުމުގެ މުހިންމުކަމާއި ޒިންމާދާރު ގޮތެއްގައި އަމަލުތައް ބެހެއްޓުމަށް ދަސްކޮށްދީ، އެ ކުދިންނާއެކު ފައިދާހުރި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ބުނެދީފައިވެއެވެ.
އަދި ކުދިން ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންކުރުމާއި ކުދިންގެ ކާމިޔާބީތަކަށް ތައުރީފުކުރުުގެ މުހިންމުކަމާއި ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން އިތުރުކޮށްދިނުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައވެއެވެ.




