25,000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އިން ފަށައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން "ސްވައިޕް. ސްޕެންޑް. ވިން." ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
އެ ބޭންކުން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެންބަރުން ފެށިގެން 1 ޑިސެންބަރު 2026 ގެ ނިޔަލަށް ކަމަށާއި، މި މުއްދަތުގެ ތެރޭގައި، މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށްވެސް 25,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށާއި، ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މީގެއިތުރުން، ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގައާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/Swipe-promotion އިން ލިބެން ހުންނާނެއެވެ.




