ކުރީގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު، ދުބާއީގެ މަޝްހޫރު 'ކެޕިޓަލް ކްލަބް' ގައި ބޭއްވި "ޑިޕްލޮމެޓިކް ބިޒްނަސް ލަންޗް" ގައި ބައިވެރިވެވަޑައިގެން ޚާއްޞަ މެހެމާނެއްގެ ގޮތުގައި ވާހަކަ ދައްކަވައިފިއެވެ.
މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު 'ޔޫރޭޝިއާ ގަލްފް' އިން އިންތިޒާމުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަފީރުންނާއި، ވިޔަފާރިވެރިން އަދި ބޮޑެތި އިންވެސްޓަރުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ ދުނިޔޭގެ ވިޔަފާރިއާއި، އިޤްތިޞާދު ކުރިއެރުވުމާއި، އަދި އެކި ޤައުމުތައް ގުޅިގެން އިންވެސްޓް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި އިވެންޓުގައި އަދީބު ވަނީ އިޤްތިޞާދު ކުރިއެރުވުމަށާއި ޓޫރިޒަމް ދާއިރާއަށް އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭގޮތުން އެމަނިކުފާނުގެ ވިސްނުން ހިއްސާކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދީބު މިހާރު ދިރިއުޅުއްވަނީ ދުބާއީގައެވެ. އަދި އެމަނިކުފާނު އަންނަނީ އަގުބޮޑު ލަގްޒަރީ ރިސޯޓްތައް ހަދާ އިންވެސްޓަރުންނަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި އަލް ހުސްން ގްރޫޕުގެ ޗެއާމަން މުޙައްމަދު އަލް ނަޢީމަތާއި، އުޒްބެކިސްތާނުގެ އިންވެސްޓްމަންޓް އޮފީހުގެ އިސްވެރިޔާ ޝާހްރުޙް ރާޚިމޯވްގެ އިތުރުން ވިޔަފާރި ދާއިރާގެ އެހެން އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ މައި މަރުކަޒަކަށް ދުބާއީ ވަނީ ވެފައެވެ. އަދި މިފަދަ އިވެންޓްތަކުގެ ސަބަބުން އިންވެސްޓަރުންނާއި އެކި ޤައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ




