ކޮންމެ މަޔަކާބަފަޔަކުވެސް އެބައި މީހުނަށް ލިބޭ ދަރިން ބަލާބޮޑުކުރަން ބޭނުންވާނީ އެކުދިންނަށް އެންމެފައިދާހުރި ގޮތަށް ނަމަވެސް ބައެއްޙާލަތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިނަށް ހެދޭގޯސްތަކުން އެކުދިންގެ މުޅިހަޔާތުގައިވެސް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ހަމަ އެހެންމެ ރަނގަޅަކަށް ކަމަށް ހީކޮށް މައިންބަފައިންނަށް ކުރެވޭ ކަންތަކަކީ ރަނގަޅު ކަންތަކަށް ބައެއް ފަހަރު ނުވެއެވެ.
ދަރިން ތަރުބިއްޔަރު ކުރުމުގައި ހައްދުފަހަނަޅައި ދިއުން ނުވަތަ އިނގިރޭސިން ބުނާނަމަ އޯވަޕޭރެންޓިންގ އަކީ އެކި ހާލަތްތަކުގައި މައިންބަފައިންނަށް އިހުތިޔާރުން ބޭރުގައި ކުރެވޭ ކަމެކެވެ. އަދި މިކަމުގެ ނޭދެވޭ އަސަރު ބޮޑެތި ވަމުން އަންނަ ދަރިންނަށް ކުރެއެވެ.ދަރިން ތަރުބިއްޔަތު ކުރާއިރު ހައްދު ފަހަނަޅާ ކަމަށް އެންމެ އާންމުކޮށް ފާހަގަކުރެވޭ އެއްބާވަތަކީ ސައުވީސް ގަޑިއިރު ދަރިން އުޅޭ ނޫޅޭ ގޮތް ބަލައި އެކުދިންނަށް އެއްވެސް ގެއްލުމެއް ވިޔަނުދީ ސަލާމަތްކޮށްދޭން ކުރެވޭތޯ އުޅުން ނުވަތަ އިނގިރޭސިބަހުން ބުނާނަމަ ހެލިކޮޕްޓަރ ޕޭރެންޓިންގއެވެ. އަދި މީގެ އިތުރުން މައިންބަފައިން ދަރިންނަށް ދިމާވާ ގޮންޖެހުންތައް އެކުދިން އަމިއްލައަށް ހައްލުކުރަން ދޫ ނުކުރާ ސްނޯޕްލޯ ޕޭރެންޓިންގ އަކީ ވެސް އަނެއް ބާވަތެވެ. މީގެ ސަބަބުން ދިރިއުޅުމުގައި އެ ކުއްޖާއަށް ކަންކަމާއި ހިތްވަރުލައިގެން ކުރިމަތިލުމަށް އުނދަގޫވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެ އެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާވެސް ކުޑަ ކުރެވޭތަންވެސް ބައެއް ފަހަރު އާދެއެވެ. އެކި ދިރާސާތަކުން ދައްކާގޮތުގައި ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ބައިވެރިވުމެއް ނެތްނަމަ އެ ކުއްޖާގެ އަޚުލާގީ ފެންވަރު ދަށްވާން މެދުވެރިވެއެވެ. މިކަމުގައި ބޮޑަށް ބެލެވެނީ، މައިންބަފައިންގެ ބަދަލުގައި ރަހުމަތްތެރިންނަށް މި ކުދިން ބަރޯސާވާން ޖެހުމެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ އޯވާ-ޕޭރެންޓިންގެ ސަބަބުންވެސް ދަރިންނަށް ނުރަނގަޅު، އަދި ނޭދެވޭ އެތައް ހާލަތްތެއް މެދުވެރިވެދާނެ ކަމެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކުގެ ތެރޭގައި ރަނގަޅަށް ޕްލޭން ނުކުރުން ހިމެނެއެވެ. ކުއްޖާ ފުރާވަރުގެ އުމުރަށް އެޅި ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނާނެކަން ދެނެގަނެ، ދަރިފުޅު އެންމެ ކުޑައިރުން ފެށިގެންވެސް ދަރިފުޅު ގެންގުޅޭނެ ގޮތް ޕްލޭން ކުރަންޖެހެއެވެ. ކުއްޖާ ގޯސް މަގަކުން ގޮސްފިނަމަ ކުއްޖާ އިސްލާހު ކުރުވަން ކުރެވޭނެ ކަންތައްތައް ކުރީބައިގައި ޕްލޭން ކުރުން މުހިއްމު ކަމެކެވެ.
ކޮންމެ ކަމަކަށް އެންމެ ފުރަތަމަ ދަރިފުޅު އިސްކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ދަރިފުޅު ބޭނުންވާހާ ގޮތަކަށް ހުރިހާ ކަމެއް ނުވާނެކަން ދަސްކޮށްދޭންވާނެއެވެ. ކޮންމެ ކަމެއްގައި ދަރިފުޅު ބޭނުންވާ ގޮތް އިސްކުރާނަމަ އެހެން މީހުންގެ ބޭނުންތަކުގެ މުހިއްމު ކަމެއް ދަރިފުޅަށް އިހުސާސެއް ނުވާނެއެވެ.
ކުދިންނާމެދު މާބޮޑަށް މައިންބަފައިން އުއްމީދުކުރާ ފަހަރު މަދުން ނަމަވެސް ދިމާވެއެވެ. މައިންބަފައިންނަށް ދަރިން ކިތަންމެ ބޮޑުވިޔަސް އެކުދިން ބޮޑެއް ނުވާނެކަން އެހީހަޤީޤަތެވެ. އެހެން ނަމަވެސް އެކުދިން ބޮޑެތިވެ ވިސްނުން ބަދަލުވާނެކަން ދަނެގަނެ، ކުދިން ގޯސްކޮށް ކަންތައް ކުރާނެކަން ގަބޫލުކުރަން ވެސްވާނެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމާގުޅޭ ފަންނީ މާހިރުން ދެކޭގޮތުގައި، ކުދިން ގޯސްކަންތައް ކުރުމުން އެކަން ފޮރުވުމުގެ ބަދަލުގައި އެފަދަ ކަމެއް ދެވަނަ ފަހަރަށް ނުކުރުމަށް ކުދިންނަށް ނަސޭހަތްތެރިވާން ޖެހެއެވެ. އަދި ކުދިންނަށް ކުޑަ އަނިޔާއެއް ފަދަ ކަމެއް ވުމުން މާ އަވަހަށް ކުދިން ސަލާމަތް ކުރަން ދިއުމުގެ ބަދަލުގައި އަމިއްލައަށް ދޫކޮށްލުން އެއީ އެންމެ ރަނގަޅުގޮތެވެ.
ތިމާގެ ދަރިފުޅު ތަރުބިއްޔަތު ކުރާއިރު ލޯބި ދޭ މިންވަރާއި ހަރުކަށިވާ މިންވަރުވެސް މެދުމިނެއްގައި ބެހެއްޓުމަށް އިސްކަންދޭން ޖެހެ އެވެ. އެއީ ކުދިން އަމިއްލައަށް އެކުދިންގެ ހުނަރުތައް ދެނެގަނެ، އެ ކުދިން މިނިވަންކަމާއިއެކު ކަންކަން ތަޖުރިބާ ކޮށްލާ، ނާކާމިޔާބީ އާއި ވެސް ކުރިމަތިލާން ދަސްކުރުމަށް މަގުފަހިކޮށްދިނުމަށެވެ.
advertisment
advertisment