މީގެކުރިން ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއްދެއްކި ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ 4 އަހަރަށްފަހު އެނބުރި އައިސް ތަފާތު ދައްކައިފިއެވެ.
ލިވަޕޫލުން މިހާތަނަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ކުޓީނިއޯއަށް ޕްރިމިއާ ލީގުގައި ދެއްކި ކޮޅު ކުޅުން ބާސެނޯލާގައި ތަކުރާރު ނުކުރެވުނެވެ. ބާސެލޯނާގައި އެކަށީގެންވާ ފުރުޞަތުތައް ނުލިބޭތީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ބަޔާން މިއުނިކަށްވެސް ކުޅުނުނެވެ. ލޯން ހަމަވުމުން ބާސެނޯލާއަށް ގޮސް އެޓީމުގެ މިހާރުގެ ކޯޗް ޒަވީގެ ޕްލޭންގެ ކުޓީނިއޯ ނުހިމެނޭތީ މި ހިނގާ ޓްރާންސްފަރ ވިންޑޯގައި ލޯން އެއްބަސްވުމެއްގެ ދަށުން އެނބުރި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ބަދަލުވިއެވެ. އެސްޓަން ވިލާގެ ކޯޗަކަށް މިހާރު ހުރީ ކުޓީނިއޯއާއެކު ލިވަޕޫލަށް ކުޅުނު އޭރު ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑެވެ.
އެސްޓަން ވިލާއަށް ބަދަލުވެ އޭނާ ފުރަތަމަވެސް ކުރިމަތިލީ ކުރީގެ ކުލަބް ލިވަޕޫލާ އެންމެ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއެވެ.
2-0 ލަނޑުގެ ތަފާތަކުން ޔުނައިޓެޑް ކުރި ހޯދާފައިވަނިކޮށް ބަދަލުކުޅުންތެރިއެެއްގެ ގޮތުގައި ކުޓީނިއޯ ކުޅެން އަރާ އެސްޓަން ވިލާ ސަލާމަތްކޮށްދިނެވެ. ކުޓީނިއޯ ފުރަތަމަ ފަހަރަށް އެސްޓަން ވިލާގެ ޖޯޒީގައި ކުޅެން ނުކުތީ މެޗުގެ 68 ވަނަ މިނިޓްގަ އެވެ. އެސްޓަން ވިލާގެ ފުރަތަމަ ލަނޑު 77 ވަަނަ މިނިޓްގައި ޖޭކަބް ރާމްސީ ޖެހީ ކުޓީނިއޯ ތަނަވަސްކުރި ފުރުޞަތަކުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ކުޓީނިއޯ ވަނީ ގޯލެއް ޖަހައި އެސްޓަން ވިލާ އަށް އެއްވަރުކޮށްދީ ބަލިވިޔަ ނުދީ ސަލާމަތްކޮށްދީފައެވެ.
މި މެޗްގައި ޔުނައިޓެޑްގެ ދެ ގޯލު ޖެހީ ވެސް މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުުޅުނު ބްރޫނޯ ފެނާންޑޭސް އެވެ.