ޓެރަރިޒަމްގެ ދަޢުވާ އުފުލާފަވާ އެއްވެސް މީހެއްގެ ބަންދު މުރާޖަޢާކުރުމެއް ދެން ނޯންނާނެއެވެ. މީގެ ކުރީގައި އޮންނަ ގޮތުން ޓެރަރިޒަމްގެ ދަޢުވާ އުފުލާފަވާ އެންމެހައި ފަރާތްތަކެއްގެ ބަންދު މުރާޖަޢާކުރުން ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން ކޮންމެ 30 ދުވަހަކުން ކުރިޔަށް ދެއެވެ.
ދާދި ފަހަކުން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ގެނެވުނު 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، ދެން ޓެރަރިޒަމްގެ ދަޢުވާކޮށްފައިވާ އެއްވެސް މީހެއް ބަންދު މުރާޖަޢާއެއް ނުކުރާނެއެވެ. އެއިޞްލާޙުގެ ދަށުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ހަތަރު އަކުރެއް އިތުރުކޮށްފައިވެއެވެ. އެއަކުރުތަކުގެ ތެރެއިން، (ގ) ގައި ބުނަނީ، 26 ވަނަ މާއްދާގެ (ފ) އަދި (ލ) ގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފަވާ މީހެއްގެ މައްޗަށް ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ތަޠުބީޤެއް ނުކުރެވޭނެއެވެ. އެހެންވީމާ، ޓެރަރިޒަމްގެ ދަޢުވާ އުފުލިފަވާ ފަރާތްތަކުގެ މައްޗަށް ދެނެއް، 30 ދުވަހުގެ ބަންދު މުރާޖަޢާކުރުމެއް ނެތްކަން އެނގެއެވެ.
ޓެރަރިޒަމް ޤާނޫނަށް ގާތްގާތުގައި އިޞްލާޙުތަކެއް ގެންނަމުން ދެއެވެ. އެހެން ނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ މީހެއްގެ ނުވަތަ ދަޢުވާކުރެވޭ މީހެއް އަސާސީ ޙައްޤަކަށް އުނިކަން އަންނަފަދަ އިޞްލާޙުތަކެއްގެ މައްޗަށް އެއްވެސް ޤާނޫނެއް ތަންފީޒުކުރުމަކީ، މުޅި ޤާނޫނުގެ މަޤްޞަދު ގެއްލިގެންދާނެކަމެކެވެ.