Ad

އިނގިރޭސި ލީގު ކަޕް: އާސެނަލް ބަލިކޮށް ލިވަޕޫލުން ފައިނަލްގެ ޖާގަހޯދައިފި

އާސެނަލް ބަލިކޮށް އިނގިރޭސި ލީގުކަޕްގެ ފައިނަލުން ލިވަޕޫލް ޖާގަހޯދައިފިއެވެ.

ލިވަޕޫލުން ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ސެމީފައިނަލްގެ ދެވަނަ ލެގްގައި އާސެނަލްގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ. މި ދެޓީމު ވާދަކުރި ސެމީފައިނަލްގެ ފުރަތަމަ ލެގް ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މިމެޗްގައި ލިވަޕޫލަށް 2 ގޯލްވެސް ޖަހައިދިނީ ޕޯޗްގަލްގެ ފޯވާޑް ޑިއެގޯ ޖޮޓާއެވެ. މި 2 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑިފެންޑަރު އާނޯލްޑެވެ. ފުރަތަމަ ގޯލް ޖޮޓާ ޖެހީ 19 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް ޖެހީ 77 ވަނަ މިނެޓްގައެވެ. މި ގޯލު އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.

ލިވަޕޫލްގެ މުހިންމު 3 ކުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ނަބީ ކެއިޓާ، ގައުމީ ޓީމާ އެކު އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) މުބާރާތުގައި ދަނީ ކުޅެމުންނެވެ. މި 3 ކުޅުންތެރިންގެ ޤައުމުތައް ކަމަށްވާ މިސްރު، ސެނަގޯލް އަދި ގިނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމާއެކު މި 3 ކުޅުންތެރިން ލިވަޕޫލްގެ ޓީމާ ގުޅެން އަދި ދުވަސް ނަގާނެއެވެ.

ލިވަޕޫލަކީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ފަހަރު ފައިނަލުގައި ކުޅޭނެ ޓީމެވެ. މިއީ ލިވަޕޫލް ފައިނަލްގައި ކުޅޭ 13 ވަނަ ފަހަރެވެ. މީގެތެރެއިން 7 ފަހަރު އެޓީމު ވަނީ ތަށި ހޯދާފައެވެ.

އަންނަ މަހުގެ 27 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ފައިނަލުން ފުރުސަތު ހޯދީ ދެ ލެގުގައި ވެސް ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *