މާފުށީ ޖަލުން ޕޮޒިޓިވްވި ޤައިދީންގެ ތެރެއިން 232 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންވަނީ 46 މީހުންނެވެ. އެއީ 40 ޤައިދީންނާއި ކެރެކްޝަނަލް ސާރވިސްގެ 6 މުވައްޒަފުންނެވެ. އެކްޓިވް ކޭސްތަކާ ގުޅިގެން 82 ޤައިދީއަކު މިހާރުވެސް ކަރަންޓީން ކުރެވިފައިވާކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ޤައިދީންގެ ތެރެއިން 232 މީހުން ބަލިން ރަނގަޅުވެފައިވާއިރު ބަލި ޖެހުނު ކަރެކްޝަލަސް ސާރވިސްގެ އޮފިސަރުންގެ ތެރެއިން 28 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މާފުށީ ޖަލުގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން މިދިޔަ މަހު 14 ވަނަ ދުވަހުން ފެށިގެން އެ ޖަލު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ. މިކަމާ ގުޅިގެން މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދަނީ އޮންލައިންކޮށް ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.