Ad

އެފްރިކަން ކަޕް އޮފް ނޭޝަންސް: ފައިނަލްގައި ސަލާހާއި މާނޭގެ ކުރިމަތިލުމެއް

އެފްރިކާ ކަޕް އޮފް ނޭޝަންގެ ފައިނަލްގައިި މިސްރާއި ސެނަގާލް ކުރިމަތިލާން ޖެހިއްޖެއެވެ.

މުބާރާތުގެ ފައިނަލުން މިސްރު ޖާގަ ހޯދީ އެންމެ ރަނގަޅު ފޯމްގައި އޮތް ކެމަރޫން ބަލިކޮށްގެންނެވެ. މުބާރާތް ބާއްވާ ކެމަރޫންގެ މައްޗަށް މިސްރުން ކުރިހޯދީ މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން ޕެނަލްޓީ ޖަހައިގެން 1-3 ލަނޑުން ކުރި ހޯދައިގެންނެވެ.

މިސްރުން މި ފަހަރުގެ އެފްރިކަން ކަޕްގެ ނޮކައުޓް ތިން މެޗުން ވެސް މޮޅުވީ އިތުރު ވަގުތު ކުޅެގެންނެވެ. އޭގެ ތެރެއިން ގަދަ 16 ބުރުގައި އައިވަރީ ކޯސްޓް އަތުންނާއި މިރޭ ސެމީގައި ކެމަރޫން އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ދެ ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް ތަފާތު ދެއްކީ އެޓީމުގެ 2 ނަމްބަރު ކީޕަރު ގަބާސްކީ އެވެ. ކުއާޓަރ ފައިނަލްގައި މޮރޮކޯގެ މައްޗަށް މިސްރުން ކުރި ހޯދީ 90 މިނެޓް ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގެތެރެއިން ފުރަތަމަ ހާފުގައެވެ.

މިސްރުގެ އެއް ވަނަ ކީޕަރު މުހައްމަދު އެލް ޝަނާވީ އަށް އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ގަބާސްކީ ކުޅެން އަރައި އައިވަރީ ކޯސްޓްގެ އެރިކް ބައީ ޖެހި ޕެނަލްޓީ މަތަކޮށް މިސްރު މޮޅުކޮށްދިނެވެ. މިރޭ ގަބާސްކީ ވަނީ ކެމަރޫނުން ޖެހި ދެ ޕެނަލްޓީއެއް މަތަކޮށްފަ އެވެ.

ޕެނަލްޓީގައި ކެމަރޫނަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ. އެއީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު ޖެހި ޕެނަލްޓީ އެކަންޏެވެ. މިސްރުން ޖެހި 3 ޕެނަލްޓީވެސް ކާމިޔާބުކުރިއިރު އެޓީމު މޮޅުވީ ފަހު 2 ޕެނަލްޓީ ނުޖަހަނީސްއެވެ. ކެމަރޫންގެ 2 ޕެނަލްޓީ މިސްރުހގެ ކީޕަރު މަތަކުރިއިރު އަނެއް ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މި މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައިވާ މިސްރަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ކެމަރޫނުން 2017 ވަަަނަ އަހަރުގެ އެފްރިކަން ކަޕް ކާމިޔާބުކުރީ ފައިނަލުގައި މިސްރު ބަލިކޮށްފަ އެވެ.

އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި މިސްރު ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ. އެންމެ ފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި ސެނެގާލް ވަނީ އަލްޖީރިއާ އަތުން ބަލިވެފަ އެވެ. މި މެޗަކީ ލިވަޕޫލްގެ ދެ ތަރިން ކަމަށްވާ ސަލާހާއި މާނޭގެ ކުރިމަތިލުމެއް ކަމަަށް ގިޔަ ބަޔަކު ސިފަކުރެއެވެ.

މިއަހަރުގެ ވޯލްޑް ކަޕުން ޖާގައެއް ހޯދުމަށް ކުޅޭ ޕްލޭއޮފްގައި ވެސް ސެނެގާލާ ދެކޮޅަށް މިސްރުން ކުޅެން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *