އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަންކަން ސެނަގާލް ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި ސެނަގާލުން އެފްރިކާގެ ޗެމްޕިއަން ޓްރޮފީ އުފުލާލީ މިސްރުގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މެޗްގެ ނަތީޖާ ނެރުނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ގޯލެއް ނުޖެހި ދެޓީމު އެއްވަރުވެފައި އޮތުމުން އިތުރުވަގުތު ކުޅެގެންވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސެނަގާލުން ކުރި ހޯދީ 4-2 އިންނެވެ. ސެނަގާލުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ސެނަގާލް މޮޅިވި ޕެނަލްޓީ ޖެހީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މާނޭ އެވެ.
މި ފަހަރުގެ އެފްރިކަން ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ކެމަރޫންގެ ކެޕްޓަން ވިންސެންޓް އަބޫބަކާރު އެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ސެނަގޯލްގެ މެންޑީއެވެ.
މިއީ ސެނަގޯލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ސަނަގާލް އަތުން ބަލިވި މިސްރަކީ މި މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައިވާ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.