Ad
Photo: MDP Secretariat
Photo: MDP Secretariat

އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބު އޭޕްރީލް މަހު ބޭއްވުމަށާއި ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް ނިންމައިފި

  • އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭ: ރައީސް ނަޝީދު
  • ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް އުކުޅަހު ކޮންގްރެސްގައި ނިންމާފައިވާނެ
  • 30 އިންސައްތައަށް ވުރެ ދަށުން ވޯޓު ލިބިއްޖެ ނަމަ، ދެވަނަ ބުރަށް ދިޔުމަށް ގާނޫނުއަސާސީގައި ހިމަނަންޖެހޭ
  • ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީސް އެކުލަވާލެވިފައިވާ ގޮތްވެސް ލިޔެވިފައި އޮންނަންޖެހޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕަރސަންގެ އިންތިޚާބު އޭޕްރީލް މަހު ބޭއްވުމަށާއި، ކޮންގްރެސް އޯގަސްޓްމަހު ބާއްވަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިއްތިފާޤުން ނިންމައިފިއެވެ. ފަސް އަހަރު ދުވަހަށް އިންތިޚާބުކޮށްފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގެ މުއްދަތު ހަމަވީ މިއަދުއެވެ. އެހެންކަމުން ޗެއަރޕާސަންގެ އިންތިޚާބާއި އެހެނިހެން ބައެއް މުހިންމު އިންތިޚާބުތައް ބާއްވާނެ ތާރީޚް ކަނޑައެޅުމަށް މިރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވަނީ މުހިންމު ގިނަ އިންތިޚާބުތަކެއް ބާއްވާނެ ތާރީޚް ކަނޑައަޅާފައެވެ.

އެގޮތުން ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 16ގައި ބޭއްވުމަށް މިރޭ ނިންމިއެވެ. އިންތިޚާބަށް ހުޅުވާލަން ނިންމީ މިމަހުގެ 15 ގައެވެ.

މީގެ އިތުރުން އެޕާޓީގެ ކޮންގްރެސް އޯގަސްޓް މަހުގެ 4ގައި ބޭއްވުމަށްވެސް ވަނީ ފާސްކޮށްފައެވެ. ކޮންގްރެސްގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމެވެ. އެގޮތުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، ޖޭއެސްސީއަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނުގެ ބާބަށް އިސްލާހު ގެނައުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްވެސް މި ކޮންގްރެސްގައި މަޝްވަރާ ކުރާނެއެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުން ވަނީ އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަކު އިންތިޚާބުކުރުން މިމަހުގެ 18ގައި ބާއްވަން ފާސްކޮށްފައެވެ. އަދި އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ތާރީޚުތައް ހިމެނޭ ޤަރާރު ހުށަހެޅުއްވީ، އެމްޑީޕީ މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދުއެވެ. މިޤަރާރަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުގައި ވަނީ، އެ ގްރޫޕުގެ އެންމެ އިސް ފަރާތަކީ އިންތިޚާބު ކުރާ އެ ގުރޫޕްގެ ލީޑަރު ކަމުގައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްއެވެ. މިދިޔަ މަހުގެ 3 ވަނަ ދުވަހު އޭނާގެ ދައުރު ހަމަވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މި ޖަލްސާގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ 2023ވަނަ އަހަރު އިންތިޚާބު ކާމިޔާބު ކުރުންކަމަށެވެ. މިޖަލްސާގައި ރައީސް ނަޝީދުވަނީ ޤާނޫން އަސާސީއަށް ގެންނަން އެމަނިކުފާނު ބޭނުންފުޅުވާ ބަދަލުތައްވެސް ހުށަހަޅާފައެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތައް:

  • މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށް ނިންމާ ނިންމުން.
  • ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.
  • ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނު އަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.
  • ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ނިންމުން
  • ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެނޑިޑޭޓަކީ ޖުމްލަ ވޯޓްގެ %30 އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެނޑިޑޭޓެއްނަމަ، އެ ކެނޑިޑޭޓަކީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން. (މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެނޑިޑޭޓަކަށް %30ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެނޑިޑޭޓް އެއީ މޮޅުވި ކެނޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަނޑައެޅުން.)


ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ %51 ހޯދައިގެން މެނުވީ އިންތިޚާބެއް ނުވާނެއެވެ. މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވާފައެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެންނަވަން ރައީސް ނަޝީދު ހުށައެޅުއްވިއިރު އެމަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ތަކުރާރުކޮށް ވަކާލާތުކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *