Ad

ދިވެހި ފުލުހުން "ބޮޑީ ވޯން ކެމެރާ" ބޭނުންކުރަން ފެށުން

ދިވެހި ފުލުހުންގެ އޮޕަރޭޝަންތަކުގައި "ބޮޑީ ވޯން ކެމެރާ" ބޭނުންކުރަން ފަށައިފިއެވެ. މިޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަރަތަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

ބޮޑީ ވޯން ކެމެރާއަކީ، ޑިއުޓީގައި ތިބޭ ފުލުުހުންގެ ޔުނީފޯމްގައި ހަރުކޮށް ވީޑިއޯއާއި އަޑު ރިކޯޑްކުރެވޭ ކެމެރާއެކެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށާފައިމިވަނީ މުޅިން އަލަށެވެ. މިޚިދުމަތް ފެށުމާއެކު 200 ކެމެރާ ވަނީ ބޭނުންކުރަން ފަށާފައެވެ.

ފުލުހުން އޮޕަރޭޝަންތައް ކުރިއަށްދާ ވަގުތު "ބޮޑީ ވޯން ކެމެރާ" ގެ މަންޒަރުތައް ވަގުތުން ބަލާލެވޭނެއެވެ. މިއީ ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ހިމެނޭ 6 ދާއިރާގެ ތެރެއިން، ސްޓްރެޓިޖިކް އޮގަނައިޒޭޝަން ރިފޯމް އެންޑް ޓްރާންސްފޯމްގެ ތެރެއިން ފެށި މަސައްކަތެކެވެ.

މިފަދަ ބަދަލެއްގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ ތަޙުޤީގުތަކަށް ބޭނުންވާ އެކިކަހަަލަ ހެކިތައް ހޯދުމާއި، އޮޕަރޭޝަންތައް ހިނގާ ނުހިނގާގޮތް ބެލުމެވެ. މި ކަމަކީ ފުލުހުން ޚިދުމަތް ދިނުމުގައި ބޭނުންކުރާ ސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ބާރަކަށް ވެގެންދާނެއެވެ.

ޚިދުމަތް ފަށްޓަވައިދެއްވި ހަފުލާގައި މާލޭގެ ބައެއް ސަރަޙައްދުތަކުން ފުލުހުންގެ ހަރަކާތްތަކާއި ޓްރެފިކް އޮޕަރޭޝަންތަކުގެ އަޑާއި މަންޒަރު ވަގުތުން ވަނީ ދައްކާފައެވެ.

މި ރަސްމިއްޔާޓުގައި ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިއީ ފުލުހުންގެ މުއައްސަސާއަކީ ޒިންމާދާރުކަމާއި ޖަވާބުދާރީވާ މުވައްސަސާއަކަށް ހެދުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތެއްކަމަށެވެ. މީގެސަބަބުން ޢާއްމުންނަށް ފުލުހުންނާމެދު އޮންނަ އިތުބާރު ބޮޑުވާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

"ކުށްތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި އަވަސްވެގެންދާނެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައިމުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ. މިއީ ވަރަށް ރަނގަޅު އިސްލާހީ ބަދަލެއް،" މިނިސްޓާރ ވިދާޅުވިއެވެ.

މި ޚިދުމަތް ޕައިލެޓް ކުރުމަށް ބޮޑީވޯން ކެމެރާގެ ޓެސްޓު ބުރުތަކެއް ދެ ފަހަރެއްގެ މަތިންވަނީ ކުރިން ގެންސްފައެވެ. އަދި ކެމެރާ ބޭނުންކުރާ ފުލުހުންނަށް ބޭނުންވާ ތަމްރީންތައްވެސް ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *