މަޖިލީހުގެ ރައީސްއަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ކަމުގައިވާތީ ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނެވުމަކީ އުނި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް ހުށަހަޅުއްވުމުން، ބިލުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ ވަރަށް ފޯރުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންނަވަން ޖެހޭ ކަމަށެވެ. ނޫ ގާނޫނު އަސާސީގައި އެ ކަން އޮތް ގޮތާއި ފެހި ގާނޫނު އަސާސީގައި މިކަން އޮތް ގޮތް ވިދާޅުވެ ދެއްވަމުން، ރައީސް ނަޝީދު ވިދާޅުވީ، ނޫ ގާނޫނު އަސާސީގައި ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ބާރު އޮންނަނީ ރައީސުލްޖުމުހޫރިއްޔާއަށާއި ރައީސުލްޖުމުހޫރިއްޔާ އެމަސައްކަތް ހަވާލު ކުރައްވާ ވަޒީރަކަށް ނުވަތަ ޖަސްޓިސް މިނިސްޓަރަށް ކަމަށެވެ. އެ ގޮތް ބަދަލުކުރުމަށް ޖޭއެސްސީ ނަމުގައި އުފައްދާފައިވާ މުއައްސަސާގައި ސިޔާސީ މީހުންނާއި ފަނޑިޔާރުން އެބަ ތިއްބެވި ކަން ރައީސް ނަޝީދު ފާހަގަކުއްވިއެވެ.
މިއަދު އަނެއްކާ ވެސް މި ދެކެނީ ޖޭއެސްސީގައި ސިޔާސީ މީހުނާއި ފަނޑިޔާރުން ތިބެގެން ނުވާނެ ކަމަށާއި، އެ ކޮމިޝަނުން ސިޔާސީ މީހުނާއި ފަނޑިޔާރުން އުނި ކުރުމަށްކަމަށާއި އެހެންކަމުން ދެން ހިމަނާނެ ބަޔަކާއި މެދު ވިސްނަންޖެހޭ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. އެބަ ވިސްނަން ޖެހޭ، އިއްޒަތްތެރި މެންބަރު ތޯރިގު ވެސް އެބަ ގޮތްތަކެއް ހުށަހަޅުއްވާ ކަމަށް ރައީސް ނަޝީދު ނަޝީދު ވިދާޅުވިއެވެ.
"މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ މިންވަރަށް ފޯރުވަން ބޭނުންތެރި ކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖޭއެސްސީގެ މައިގަނޑު މަސައްކަތަކީ ފަނޑިޔާރުންގެ މައްސަލަތައް ބެލުން ކަމުގައިވާއިރު އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ތަމްސީލްވާން ތިބުމަކީ މަސްލަހަތު ފުށު އަރާނެ ކަމެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ޖޭއެސްސީގައި ތިބޭ ފަނޑިޔާރުންގެ އަދަދަށް ބަދަލެއް ގެނައުން އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި ފާހަގަވޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ބަންޑާރަ ނައިބާއި އެކު ރައީސްގެ މެންބަރަކު ވެސް އިންނަވާނަމަ، އެ ކޮމިޝަންގައި ރައީސްގެ ދެ މެންބަރަކު ތިއްބަވާ ކަމަށް ބެލެވެން އެބަ އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންވެ އިތުރު މެންބަރަކު އިންނަވަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.