ޤަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ބޮޑުތަނުން އިތުރުކުރުމަށް ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. ޤަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ފިނި މޫސުމުގެ ތެރޭގައި ރާއްޖެ ހިމެނޭހެން ދުނިޔޭގެ 170 ޤައުމަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި ބައެއް މަންޒިލްތަކަށް މިހާރު ކުރަމުންދާ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ނިންމާފައިވާއިރު، ރާއްޖެއަށް މިހާރު ހަފުތާއަކު ކުރަމުން އަންނަ 12 ދަތުރު، 21 ދަތުރަށް އިތުރުކުރެވިގެންދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މިކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި އަހަރުގެ ފަހު ކުއާޓަރުގައި މި ކާމިޔާބީ އިތުރަށް ފުޅާވެގެންދާނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނާ ދިމާކޮށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައްވެސް އަލުން ރާއްޖެއަށް ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.




