Ad

10 އަހަރު މެދުކެނޑިފައި އޮތުމަށްފަހު، އިނގިރޭސި އަސްކަރީ މަރުކަޒުތަކުން ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލައިފި

10 އަހަރު މެދުކެނޑިފައި އޮތުމަށްފަހު، އިނގިރޭސި އަސްކަރީ މަރުކަޒުތަކުން ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލައިފިކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއެޖެވެ.

މިނިސްޓަރ މާރިޔާ މިކަން ހާމަކުރެއްވީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދު، އެކަމަނާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

10 އަހަރުގެ މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލާފައިވާތީ އެކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި އިނގިރޭސިވިލާތުން ތަމްރީނުވެފައިވާ ގިނަ ޢަދަދެއްގެ ސިފައިން، އެމްއެންޑީއެފްގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާކަމަށާއި މިތަމްރީނުތަކުގެ ބޭނުން ސިފައިން ވަރަށް ރަނގަޅަށް ހިފަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްގައި އޮތް މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުން، ދިވެހިރާއްޖެއަށް ދިފާޢީ އަދި ސަލާމަތީ ރޮނގުން، ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އިނގިރޭސި ސަރުކާރަށް މިނިސްޓަރ މާރިޔާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ކައުންޓަރ ޓެރަރިޒަމް، އޭވިއޭޝަން ސެކިއުރިޓީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ޔޫކޭގެ މިނިސްޓަރ އޮފް ސްޓޭޓް ލޯޑު ޠާރިޤް އަޙްމަދުވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެއްވުމަށް އިނގިރޭސި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *