Ad

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކަށް ކޯބިން ރާއްޖެއަށް!

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމަށް ޖޯޖު ކޯބިން ރާއްޖެ އަތުވެއްޖެއެވެ. ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި މުޙިއްމު ދައުރެއް އަދާކުރި ޖޯޖު ކޯބިންއަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި، ހެލްތު މިނިސްޓަރ އަހުމަދު ނަސީމެވެ. 1971 ވަނަ އަހަރު ޖޯޖު ކޯބިން ރާއްޖެއަށް ކުރި ދަތުރަކީ އަހުމަދު ނަސީމްގެ ދައުވަތަކަށް ކުރި ދަތުރެކެވެ.

ކޯބިން ރާއްޖެއަށް މި ކުރާ ދަތުރާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިމަހުގެ 16ވަނަ ދުވަހު ބާއްވާ ސްޓޭމްޕް ލޯންޗުކުރުމުގެ ހަރަކާތުގައާއި، ޓޯކް ޝޯވްގައި ބައިވެރިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަހަރުގެތެރޭ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އުއްމީދަކީ މި ހަރަކާތްތަކާއެކު މި އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯބިންގެ ވާހަކަައިގައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކޮށްފައެވެ. އަދި އޭނާގެ މި ދަތުރުގައި ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި ބައްދަލުވުންތަކާއެކު ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް ކޯބިން ވިދާޅުވިއެވެ. ކޯބިން މިހާރު މަސައްކަތްކުރަމުންދަނީ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.

" މިއީ 6 ދުވަހުގެ ދަތުރެއް، ބައިވަރު މީޓިންގްތައް އެބައޮތް، ބައިވަރު އެސޯސިއޭޝަންތަކާއި ބައްދަލުކުރުންވެސް އެބައޮތް، އަަހަރެންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އެބައޮތް އެމެރިކާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް، އެޤައުމުން މިހާރު ރާއްޖެ އަންނަނީ ހަނީމޫނަށް އަންނަ މީހުން، އެކަމަކު އެއަށްވުރެ ބޮޑު މާރކެޓެއް އެއީ،" ކޯބިން ވިދާޅުވިއެވެ.

1971 ވަނަ އަހަރު ކޯބިން ރާއްޖެއަށް ޒިޔާރަތްކުރީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލާލާ، ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކުރެވިދާނެތޯ ބެލުމަށެވެ. އެއަށްފަހު ދެވަނަ ފަހަރަށް 1972 ވަނަ އަހަރު 12 މީހުން ހިމެނޭ އިޓަލީގެ ޓުއަރިސްޓް ގްރޫޕަކާއެކު ކޯބިން ރާއްޖެއަށް ކުރި ދަތުރަކީ ފަތުރުވެރިންގެ ގޮތުގައި ބަޔަކު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *