ރައީސް ޔާމީނު އިސްވެ ހުންނަވައިގެން ހިންގާ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން އިއްތިފާޤުވެވަޑައިގަންނަވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގެ އެދިވަޑައިގަތުމަށް، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ޙާޟިރުވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
"އިންޑިޔާ އައުޓް"ގެ ނަމުގައި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ، "އިންޑިއާ އައުޓު" ކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަޙައްދީ ޤައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަޙައްދީ ސަލާމަތީ މަޞްރަޙަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރައްވާފައި ނުވާނެކަމަށާ އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ދިފާޢީ ވަޒީރުގެ ޙައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.