ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރުފިޔާ ކާޑުތައް ބޭނުންކޮށްގެން، ރާއްޖެއިން ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރި ކުރެވޭ ލިމިޓެއްގެ ގޮތުގައި މަހަކު 16 މިލިއަން ޑޮލަރު ކަނޑައަޅައިފިއެވެ.
އެ ބޭންކް ބުނީ ރާއްޖެއިން ބޭރުން ވިޔަފާރިކުރުމަށާއި ހިދުމަތް ހޯދުމަށް ފައިސާދެއްކުމަށްޓަކައި ޑެބިޓް ކާޑާއި، ކްރެޑިޓް ކާޑު ބޭނުންށްގެން މއާމަލާތްކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަނަނަ ކަމަށާއި، އޭގެތެރެއިން ވެސް އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގެ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން އެ ބޭންކުގެ ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދާ ކަމަށާއި، އަދި އެފަދަ ޕްލެޓް ފޯމް ތަކުން މުއާމަލާތްކުރާ މިންވަރު މި އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް އެބޭންކުގެ ކަސްޓަމަރުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެ އަދަދަކީ އެ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރު އަދަދެއް ކަމަށާއި، ބޭރު ފައިސާގެ ޑިމާންޑް މަތިވެ، އެ ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ކަންކަމަށް ބޭނުންވާ ބޭރުފައިސާ ނުލިބުމާ ގުޅިގެން ކަސްޓަމަރުންގެ ޝަކުވާތަށް އިތުރުވެފައިވާ ކަމަށްވެސް ެ ބޭންކުން ބުނެފައި ވެއެވެ.
"ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހެދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި މީގެ ސަބަބުން މި ހިދުމަތްތައް ލިބުމުގައި ލަސްތަކެއްދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައި،". ބީއެމްއެލް އިން ބުނެފައި ވެއެވެ.
އެހެންކަމުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ހިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި،ބޭރުގެ އީ-ކޮމާސް ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ދުވާލަކަށް ބޭނުންކުރެވޭނެ ލިމިޓްތަކެއް މިހާރު އެ ބޭންކުން ކަނޑައަޅާފައިވާނެ ކަމަށާއި އެ ގޮތުން 13 ސެޕްޓެމްބަރުން ފެށިގެން އެގޮތަށް އެ ބޭންކުން އަމަލުކުރަމުން ގެންދާނެކަމަށްވެސް އެ ބޭންކުން ބުނެއެވެ.
އެގޮތުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް ކޮންމެ މަހަކު 16 މިލިއަން ޑޮލަރާ ކަނޑައަޅާފައިވާއިރު މަހުގެ ޖުމްލަ އަދަދުގެ ތެރެއިން، ކަސްޓަމަރުންގެ ބޭނުންތަކަށާއި ދެވޭ ހިދުމަތްތަކުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުން ކުރެވޭނެ ވަކި ލިމިޓްތަކެއް ބޭންކުން ކަނޑައަޅާފައިވާ ކަމަށާއި، އަދި އެ ބޭންކުން ކަނޑައަޅާފައިވާ ލިމިޓުތަށް ބޭނުންކުރެވޭނެ ގޮތުގެ ތަފްސީލްތައްވެސް އެ ބޭންކުންވަނީ ތަފްސީލް ކޮށްދެއްވާފައެވެ.
- ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ.
1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް
- ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތަށް ހިމެނޭ ގޮތަށް އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެ ކަމަށް އެ ބޭންކުން ބުނެފައިވޭ
- އެ ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ހިދުމަތްތައް ނުހިމެނޭނެއެވެ.
- މި ކެޓަގަރީއަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
2. މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ މީސް މީޑިއާ ޕްލެޓްފޯމްތަކަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު)
3. އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
- މި ކެޓަގަރީން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން 3 މުއާމަލާތް ކަމަށާއި އެ ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ބުނެފައިވޭ
4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު)
5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް
- މަތީގައި ބަޔާންކުރެވިފައި ނުވާ ބޭރުގެ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
6. ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުޢާމަލާތްތަކަށް އެއްވެސް މާޗަންޓް ލެވެލް އެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައެޅިފައެއް ނުވެއެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ބީއެމްއެލް އިން މަހަކަށް ކަނޑައަޅާފައިވާ 16 މިލިއަން ޑޮލަރުގެ ޖުމްލަ އަދަދުގެ ތެރެއިންނެވެ.




