އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު އިންތިހާބުކޮށްފި އެވެ.
އަސްލަމް ޕީޖީ ލީޑަރު ކަމަށް އިންތިހާބުވީ މިހާރު އެމަޤާމުގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ވާދަކޮށް ވަރަށް ފުރިހަމަ އަޤުލަބިއްޔަތަކުން ކުރި ހޯއްދަވައިގެންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި 65 މެމްބަރުން ތިއްބަވާއިރު މިއަދު ބޭއްވި އިންތިހާބުގައި ޕީޖީ ލީޑަރުކަމަށް އަސްލަމް ހޮވިވަޑައިގެންނެވީ 40 މެމްބަރުންގެ ވޯޓުންނެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.
މިއަދު ވަނީ ޑެޕިއުޓީ ޕީޖީން ކަމަށްވެސް މެމްބަރުން އިންތިހާބުކޮށްފައެވެ. ޑެޕިޔުޓީ ޕީޖީ ލީޑަރުކަމަށް ދެ ބޭފުޅުން އިންތިހާބުކުރަންޖެހޭއިރު، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން 49 މެމްބަރުންގެ ވޯޓާއެކު އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އިންތިހާބުވެފައިވާއިރު، ދެން ތިއްބެވި ދެ ބޭފުޅުންގެ ވޯޓު ވަނީ އެއްވަރުވެފަ އެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ލިބިވަޑައިގެންނެވީ 34 ވޯޓެވެ.
އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އިންތިހާބުވެފައިވަނީ 34 ވޯޓާއެކު އެވެ. އެ މަގާމަށް ދެން ވާދަކުރެއްވި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިވަޑައިގެންނެވީ 31 ވޯޓެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މިއަދު ބާއްވާފައިވާއިރު އަންނަ އޭޕްރިލް 16 ގައި ޗެއާޕާސަންގެ އިންތިހާބުގެ އިތުރުން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބާއްވަން ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް އުފެދިފައިވާއިރު ޕީޖީ ލީޑަރު ކަމަށް ހޮވިވަޑައިގެންނެވި އަސްލަމަކީ ރައީސް ސޯލިހުއަށް ތާއީދުކުރައްވާ މެމްބަރެކެވެ. އެހެންކަމުން ރައީސް ނަޝީދުގެ މައްޗަށް މިފަހަރުވެސް ރައީސް ސޯލިހު މިވަނީ ކުރި ހޯއްދަވާފައެވެ.