Ad

މި ސަރުކާރު ވެރިކަމަށް އައީ ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވަމުން: މޭޔަރ މުއިއްޒު

  • ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވި ނަމަވެސް ޖޫރިމަނާ ވެސް ކުރަމުންދާ.
  • ގަރާޖެއް ނެތްނަމަ ވެހިކަލްތައް ރަޖިސްޓަރީ ނުކުރާނެ ކަމަށް ބުނި. 
  • ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ޕާކިންގެ މައްސަލައަށް ވަގުތީ ޙައްލެއް ނަމަވެސް ހޯދައިދެވޭތޯ.
  • ޕާކިންގ ސްލޮޓަށް ހުޅުވާލުމުން ގަޑިއެއްހާއިރު ތެރޭ ވެސް ހާހެއްހާ އެޕްލިކޭޝަން ލިބުނު.

މި ސަރުކާރު ވެރިކަމަށް އައީ ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވަމުން ކަމަށް މާލޭ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ދެންނެވުނު ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ޕާކުކުރާނެ ޖާގަ ނުދައްކާ ޖޫރިމަނާ ނުކުރާނެ ކަމަށް ވަޢުދުވި ނަމަވެސް ޖޫރިމަނާ ވެސް ކުރަމުންދާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ގަރާޖެއް ނެތްނަމަ ވެހިކަލްތައް ރަޖިސްޓަރީ ނުކުރާނެ ކަމަށް ބުނެ ވެސް އެތައް ވާހަކައެއް ދެއްކި ނަމަވެސް އެކަންވެސް ހިނގަނީ އެހެން ނޫން ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ޕާކިންގެ މައްސަލައަށް ވަގުތީ ޙައްލެއް ނަމަވެސް ރައްޔިތުންނަށް ހޯދައިދެވޭތޯ މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

ވަގުތީ ޙައްލަކަށް މަސައްކަތް ކުރި ނަމަވެސް އެއާ އެކުއެކީގައި މެދުރާސްތާގެ ޕްލޭނަކަށް ވެސް މަސައްކަތް ފަށަންޖެހޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ އިމާރާތްތަކެއް އެޅުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ފަސް ސަރަޙައްދެއްގައި ޕާކިންގ އިމާރާތް އެޅުމަށް ހުޅުވާލުމަށް ކައުންސިލުން މިހާރު ވަނީ ފާސްކޮށްފައި ކަމަށާއި އިންވެސްޓަރުންނަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރަމުންދާ ކަމަށް މޭޔާރ ވިދާޅުވިއެވެ.

މާލޭގައި ދުއްވާ ވެހިކަލްތައް ޕާކުކުރުމަށް މާލެ ސިޓީ ކައުންސިލުން ޤާއިމުކުރި ޕާކިންގ ސްލޮޓަށް ހުޅުވާލުމުން ގަޑިއެއްހާއިރު ތެރޭ ވެސް ހާހެއްހާ އެޕްލިކޭޝަން ލިބުނު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު ވިދާޅުވީ ވެހިކަލްތައް ޕާކުކުރާނެ ޖާގަ ނެތުމަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މިއީ މިއަދަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި އެތައް އަހަރެއް ވީނަމަވެސް ސަރުކާރުތަކަށް ޙައްލުނުކުރެވި އޮތް ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް މިއަދު ވެހިކަލްތައް ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން ޕާކުކުރާނެ ޖާގަ ނެތުމަކީ ވަރަށް ފުޅާ މައުޟޫޢެއް ކަމަށާއި އެންމެ ކަމެއް ޙައްލުކޮށްގެން މުޅި މައްސަލަ ޙައްލުވާވަރަށްވުރެ މާބޮޑު މައްސަލައެއް ކަމަށެވެ. ވެހިކަލްތަކުގެ ޢަދަދު ވެސް ކަނޑައެޅިދާނެ ކަމަށާއި އެކަމުން އެކަނި ވެސް މައްސަލަ ޙައްލު ނުވާނެ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ޕާކިންގ ސްލޮޓުތަކަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކަން ކުރެވިފައިވަނީ އެންމެ ރަގަޅަށް ނޫން ކަމަށާއި އިދާރީގޮތުން ގިނަ ކަންތައްތަކެއް ނުބެލި ދޫވެފައި ހުރިކަން ފަހުން ފާހަގަވި ކަމަށެވެ. އެހެންކަމުން އޭސީސީން ވެސް ފާހަގަކުރި ކަންކަން އިސްލާޙުކޮށް، އަލުން ހުޅުވާލީ ކަމަށެވެ.

މޭޔަރު ވިދާޅުވީ ވެހިކަލް ރަޖިސްޓަރީ ކުރުމަށް ގަރާޖުގެ ގޮތުގައި ބައެއް ތަންތަން ދިނުމަށް ކުރިން މަސައްކަތް ކުރެވުނު ނަމަވެސް މިހާރު އެ ނިންމުން އޮތީ މަޑުޖައްސާލާފައި ކަމަށެވެ. މި ހުޅުވާލި ފުރުޞަތުގެ ތެރެއިން ހުށަހެޅޭނީ ރަޖިސްޓަރީ ވެފައިވާ ވެހިކަލްތަކަށް އެކަނި ކަމަށާއި ވެހިކަލް ރަޖިސްޓަރީ ކޮޕީއާއި ރޯޑްވާދިނަސް ކޮޕީއާއި އިންޝުއަރެންސް ކޮޕީފަދަ ލިޔެކިޔުން ހުށަހަޅަން ޖެހޭ ކަމަށެވެ.

ސިޓީ ކައުންސިލުން މިކަމަށް ހުޅުވާލާފައި ވަނީ ފުރަތަމަ ހުޅުވާލި ލިންކަށް ނުވަދެވޭ ގޮތް ދިމާވުމުން އަލުން ލިންކެއް ޤާއިމުކޮށްގެންނެވެ. މޭޔަރު ވިދާޅުވީ މިކަން ކުރިއަށް ގެންދަން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭގޮތަށް އަދި ދެފުށްފެންނަ ގޮތަށް ކަމަށެވެ. ގަޑިއެއްހާ އިރުތެރޭވެސް ހާހެއްހާ އެޕްލިކޭޝަން ލިބުނު ކަމަށާއި ފުރުޞަތު ބަންދުކުރިއިރު 2،400 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އުންމީދަކީ ހާހެއްހާ ވެހިކަލަށް މީގެ ތެރެއިން ޖާގަ ލިބިގެން ދިއުން ކަމަށެވެ. އަދި ޕާކިންގ އިމާރާތްތައް އެޅުމުން ވަރަށް ގިނަ ވެހިކަލްތަކަށް ޖާގަ ދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވެހިކަލް އެތެރެކުރެވޭ ޢަދަދު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި އެ ޢަދަދު ކަނޑައެޅުމުން އެއަށްވުރެ ގިނަ ވެހިކަލަށް އެއްފަހަރާ މާލޭގެ ފަސްގަނޑުން ޖާގަ ނުލިބޭނެ ކަމަށެވެ. މިއާއެކު ވެހިކަލްތަކުގެ އުމުރު ވެސް ކަނޑައަޅަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ކަންކަން ނިމުމުން ޕާކިންގެ މައްސަލައަށް ވަރަށް ބޮޑު ޙައްލަކަށް ވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *