Ad

"ރަށު ރައީސަށް" ހިންނަވަރު ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ އުފަން ރަށް، ޅ.ހިންނަވަރަށް ވަޑައިގަތުމުން "ރަށު ރައީސަށް މަރުޙަބާ" ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހިންނަވަރަށް ވަޑައިގެންނެވީ ފާދިއްޕޮޅުގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ހިންންވަރަށް ވަޑައިގަތުމުން ރަށުގެ ގިނަ ޢަދަދެއްގެ ކުދި ބޮޑު ރައްޔިތުން ނިކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ރައީސްއަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި ރައްޔިތުންނާއި ސަލާމް ކުރެއްވުމުގައި ވަނީ 45 މިނެޓް ރައީސް ހޭދަކުރައްވާފައެވެ.


ރައްޔިތުންނާއި ސަލާމްކުރެއްވުމަށްފަހު ރައީސް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުކަމަށްވާ ނުރާނީއާގޭގެ ކުރިމަތީގައި މަރުހަބާ ދެންނެވުމަށް އޮތް ސަގާފީ ހަރަކާތެއް ބައްލަވާލައްވާފައެވެ.

ރައީސް ހިންނަވަރަށް މިކުރައްވާ ދަތުރުފުޅަކީ، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި އަމިއްލަފުޅު ރަށަށް ވަޑައިގެންނެވި ފުރަތަމަ ދަތުރުފުޅެވެ. ނަމަވެސް 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންނެވިއެވެ.

ހިންނަވަރަކީ ސަރުކާރުން ހިންގާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ ރަށެކެވެ. އެގޮތުން އިންޖީނުގެ އައު ޢިމާރާތާއި ނެޓްވާރކް އަޕްގްރޭޑްކުރުމާއި ފުޓްބޯޅަ ދަނޑުގެ މަޝްރޫޢު ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ނިޒާމާއި، މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުވަނީ ޓެންޑަރކޮށްފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *